އެމެރިކާގެ ހަރުކަށި ހާރިޖީ ސިޔާސަތު ތަންފީޒު ކުރަން، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، ތަބާވާން ނުޖެހޭ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ވިދާޅުވެއްޖެ އެވެ. 

ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން، އެމެރިކާ އިން ވަނީ އެކި ގައުމުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގައިފަ އެވެ. 

މިގޮތަށް އެންމެ ފަހުން ހިންގި އޮޕަރޭޝަނެއްގައި ވެނެޒުއެލާ އަށް އަރައި، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ވަނީ ގަދަކަމުން އެމެރިކާގެ ނިއު ޔޯކަށް ގެންގޮސްފަ އެވެ. 

މަދޫރޯގެ ދެކަނބަލުންގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގެ އިތުރުން އެ ގައުމު ހިންގާނީ އެމެރިކާގެ ސީދާ ބެލުމުގެ ދަށުން ކަމަށް ޓްރަމްޕް ވަނީ ފާޅުގައި ވިދާޅުވެފަ އެވެ. 

ވެނެޒުއެލާގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއްގެ ގޮތުގައި އދ. ގެ އިތުރުން ގިނަ ގައުމުތަކުން ވަނީ ސިފަކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ސުވާލު އަމާޒުވުމުން، ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. 

އާންމު ރައްޔިތުންނަށް ގެއްލުމެއް ނުދޭ ނަމަ، ބައިނަލްއަގުވާމީ ގާނޫނެއް ނުހިނގާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މިކަމުގައި ދިމާވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނު "މާނަ" ކުރުމުގެ މައްސަލައެއްގެ ގޮތުގައި ވެސް ޓްރަމްޕް ވަނީ ސިފަކުރައްވައިފަ އެވެ. 

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާނުވެ، އެހެން ގައުމުތަކުގެ އިސްތިގުލާލަށް އިހުތިރާމް ނުކުރުމަކީ ވަރަށް ނުރައްކާތެރި ފާލެއްގެ ގޮތުގައި އދ. އިން ވެސް ވަނީ ބުނެފަ އެވެ. 

މިގޮތަށް އަމަލުކުރާ ނަމަ ދުނިޔޭގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް އިތުރުވުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރުވާނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.