ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުވުމަށް އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި، އެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން މައި ވިޔަފާރި ބަނދަރުތަކުގައި ގުދަން ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ނިންމަވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެކަމާ ގުޅުވައި އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި ކުދި ވިޔަފާރިތަކުން ފާހަގަކުރި ކަންކަމުގެ ތެރެއިން، މާލެ، ހދ. ކުޅުދުއްފުށި އަދި ޏ. ފުވައްމުލަކުގައި ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި މުދާ ރައްކާކޮށް، ގުދަންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

"މިކަން ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތައް ހިމެނޭގޮތުން ތަފްސީލްތައް ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

މީގެއިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން އަވަސްކުރުމާއި ބަނދަރު ސަރަހައްދުގައި މުދާ އުފުލާ އުޅަނދުފަހަރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ކަންކަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދި ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބޭތިއްބުމަށް ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓަރީކޮށް، ކޯޓާ ލިބުމުގައި ދިމާވެފައިވާ ދަތިތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރަން ލިބޭ ވަގުތު ކުޑަވެ، އެ އަށް ވުރެ އިތުރަށް ހިނގާ ވަގުތުތަކަށް، ޑެމަރޭޖްގެ ގޮތުގައި އެމްއޭސީއެލް އަށް ދައްކަން ޖެހޭ ފައިސާ ގިނަ ވުމެވެ.

އެކަމަށް ހައްލެއް ހޯއްދަވައި ދޭން، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ނިންމެވިކަން ރައީސް ހަމަ އެ ޖަލްސާގައި އިއުލާނު ކުރެއްވި އެވެ.