ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި ހއ. ކެލާގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އެސްޑީއެފްގައި ހުރީ 2.4 މިލިއަން ރުފިޔާ އާއި ދެ މިލިއަން ޑޮލަރު ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފަންޑުގައި ހުރި 400 މިލިއަން ޑޮލަރު މާރުކޮށް "ހުސްކޮށްލީ" ކަމަށް ސައީދު ވިދާޅުވި އެވެ.
"ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ވީ ތިން މަހުގެ ތެރޭގައި ސޮވެރިން ފަންޑަށް ވަނީ 30 މިލިއަން ޑޮލަރު ޖަމާކޮށްފައި،" އޭނާ ވިދާޅުވި އެވެ.
"މިއީ ވެރިންނަކީ. ގައުމުގެ ދެކެ ލޯބިވާ ވެރިންނަކީ."
ސައީދު ވިދާޅުވި ގޮތުގައި، މި އަހަރު ނިމޭއިރު އެ ފަންޑުގައި 130 މިލިއަން ޑޮލަރު ހުންނާނެ އެވެ.
އެސްޑީއެފަކީ ދައުލަތުގެ ދަރަނި އަދާކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. ސައީދަކީ އޭރުގެ ވެސް އިކޮނޮމިކް މިނިސްޓަރެވެ.
ސައީދު އެ ގޮތަށް ވިދާޅުވި ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް އަދި ދައްކާ ގޮތުގައި އެ ފަންޑުގައި މިހާރު ހުރީ 106.6 މިލިއަން ރުފިޔާ އާއި ހަތް މިލިއަން ޑޮލަރެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަަލަށް އެސްޑީއެފަށް އެއާޕޯޓް ޑިވަޕޮލްމެންޓް ފީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. އަދި ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކުން 1.4 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތް ގޮތުން ދެ ބިލިއަން ރުފިޔާ ޖަމާކުރި އެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 5.7 ބިލިއަން ރުފިޔާ ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އެހެނިހެން އިންވެސްޓްމެންޓްތަކުގައި 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން އެ ފަންޑަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން މި އަހަރު ބޭނުން ކުރާނެ އެވެ.
ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026ގައި ބޭނުން ކުރާއިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.