ފިކުރީ މުދާ ހިމާޔަތްކުރުމުގެ މަސައްކަތްކުރާނެ އޮފީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެ އޮފީސް އެ މަނިކުފާނު އުފެއްދެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައްޔިތުންގެ މަޖިލިހުން ފާސްކޮށް އެ މަހުގެ 21 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް، ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސާދީ ތަރައްގީ އަށް މަގުފަހިކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ހިންގުމުގެ އެންމެ އިސްވެރިޔަކީ، ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު ކަނޑައަޅަން ޖެހެ އެވެ. ރަޖިސްޓްރާ އައްުޔަން ކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ މިނިސްޓަރަށެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ޒިންމާތައް:

• ފިކުރީ މުދާ ރަޖިސްޓަރީކުރުން.

• ރަޖިސްޓަރީކުރާ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި، އަޕްޑޭޓުކޮށް، ބެލެހެއްޓުން.

• ސަރަޙައްދީ އަދި ބައިނަލްއަގްވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް، ބަދަހިކުރުމާ އެކު އެ ޖަމާއަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން.

• ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން،

• ފިކުރީ މުދަލާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

• ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ގާނޫނުތަކުގެ ދަށުން އެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.

• ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެ ނޫން ވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އައްޔަނުކޮށް ވަކިކުރާނެ ގޮތާއި ރަޖިސްޓްރާގެ ޝަރުތުތަކާއި ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އޮފީހުގެ އިދާރީ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި ގާނޫނުގެ ދަށުން ރަޖިސްޓްރާ ނިންމާ ނިންމުންތަކާއި ގުޅިގެން އަމަލުކުރާނެ ގޮތް ވެސް އެ ގާނޫނުގައިވެ އެވެ.