ރަށްރަށުގައި ހިލޭ ގޯތި ދޫކުރެވޭ ނަމަ، އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމުގައި މައްސަލައެއް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އޮތް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މަޖިލީހުގައި މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވުމަށް ފަހު އެވެ.
މަޖިލީހުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މުއްތަލިބު ވިދާޅުވީ ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވެދާނެ ކަމަށާއި އެހެންވެ، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަކީ މުހިންމު ކަމަށެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ނޫސްވެރިއަކު ވަނީ މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނިކޮށް މި ސަރުކާރުން ވެސް ހިލޭ ގޯތި ދޭން ނިންމާފައިވާތީ އެކަމުގައި ސުވާލުކޮށްފަ އެވެ. ހިލޭ ގޯތި ދިނުމަކީ ގޯހެއް ނަމަ، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކުރައްވަނީ ކީއްވެތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ.
އެކަމާ ގުޅިގެން މުއްތަލިބު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ހަރަދުތަކެއްކޮށްގެން ކުރާ ކަމެއް ހިލޭ ދޭންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެކަމަކު ރާއްޖޭގައި ޒަމާނުއްސުރެ ގޯތި ދިނުމަކީ ބޯހިޔާވަހިކަމުގެ އަސާސީ އެެއް ކަންތައް ކަމަށާއި އެހެންވެ ބަންޑާރަ ގޯތި ހިލޭ ލިބެންވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ރަށްރަށް ހިއްކަނީ ވެސް ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ކަމަށާއި އެކަމަކު އެ ރަށްތަކުން ވެސް ބިން ދެނީ ހިލޭ ކަމަށެވެ. އެހެންކަމަށްވާ ނަމަ، މާލެ އިން ހިއްކާ ބިން މާލޭގެ ރައްޔިތުންނަށް ވެސް ހިލޭ ލިބެން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރަށްރަށުގައި ވެސް ބިން ހިއްކަނީ. ރަށްރަށުގައި ހިއްކާ ބިން ވަކި އަގު ހެވެއް ނޫން މާލެއަށް ވުރެ. ހަމަ އެއް ވަރަކަށް ހަރަދުކޮށްގެން ހިއްކަނީ. އެހެންވީމަ ރަށްރަށުގައި ވެސް ހިއްކާ ނުނިމެނީސް އެ ދެނީ. މާފުށީގައި އަޅުގަނޑުމެން ހިއްކީ. އަޅުގަނޑުމެންނަށް ހިންދެމި ނުލެވެނީސް ކައުންސިލުން ހުރިހާ ބިންތަކެއް ދީފި. ހަމަ ހިލޭ ދިނީ،" މުއްތަލިބް ވިދާޅުވި އެވެ.
"ހަމަ އެެ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް ބިން ލިބެންވާނެ ހިއްކާ ކަމަށް ވަނީ ނަމަ،"
މުއްތަލިބު ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގައި އޮންނަނީ ބަންޑާރަ ގޯތި ދިނުމަކީ އެންމެ އަސާސީ ކަމެއްގެ ގޮތުގައި ކުރާ އެއް ކަންތައް ގޮތަށެވެ.
"ހަމަ އެ އުސޫލުން މާލޭގައި ވެސް އެކަން ކުރުމަކީ އަޅުގަނޑަކަށް ނުފެނޭ އެއީ މައްސަލަައެއް އޮތް ކަމެއް ކަމަކަށް ސަރުކާރަށް އެ ބިން ހިއްކާފައި ދެވޭ ކަމަށްވާ ނަމަ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލެއިން ހިއްކާ 11000 ހެކްޓަރުގެ ބިމުން 15،000 ގޯތި ދޭން ކަނޑައަޅާފައި ވަނީ ވެސް ހަމަ އެ އުސޫލުން ކަމަށެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި ހިލޭ ގޯތި ދިނުމަކީ ސަރުކާރު ޕޮލިސީ ލެވެލްގައި ގޯސްކަމެއް ކަމަށް ވިދާޅުވެފައެއް ނުވާނެ އެވެ. އެކަމަކު ދާއިމީ ގޮތެއްގައި އެކަން ކުރާ ނަމަ، ހިއްކުމަށް ހޭދަވި ވަރަށް ފައިސާ ހޯދައިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެންނަމަވެސް މި ދަންނަވާ ގޮތަށް ރަށްރަށުގައި ވެސް އެކަންކަން ކުރަނީ. އާންމު ރައްޔިތުންނަށް ކިހިނެއްތޯ، މިސާލަކަށް ރަށްރަށުގައި އާންމު ރައްޔިތުންނަށް ގޯތި ދޭން މި ހިއްކަނީ ބިން ނެތް ތަނެއްގައި. އެ ފަރާތަަށް އެ ތަންތަން ގަނެވޭނެތޯއޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ރަށްރަށުގައި ވެސް ހިލޭ ގޯތި ދޫކުރަމުން އަންނައިރު މާލޭގައި މައްސަލައަކަށް ވަނީ މި ސަރަހައްދުގެ ބިމުގެ ވެލިއު ބޮޑުވުމުން ކަމަށެވެ. އެކަމަކު އެއީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންނަށް އެތަންތަން ތަރައްގީކޮށްގެން ބޯހިޔާވަހިކަން ހޯދައިދީ، އިގްތިސާދީ މަންފާ ލިބުމަކީ އެ އާއިލާތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާ އެއްޗަކީ ރަށްރަށުގައި ވެސް އެ ކުރާ ބީދައިގެން މާލޭގައި ވެސް އެކަން ކުރުމަކީ މައްސަލައެއް ނޫނޭ. ރައްޔިތުންނަށް އެތަން ތަރައްގީކޮށްގެން ބޯހިޔާވަހިކަން ހޯދައިގެން އިގްތިސާދީ މަންފާ ހޯދޭ ކަމަށް ވަންޏާ އެއީ އެ އާއިލާތަކަށް ލިބޭ ކުރިއެރުމެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމުގައި ސަރުކާރުން ގަބޫލުކުރާ ސިޔާސަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާންމުންނަށް ހިލޭ ގޯތި ދިނުމެވެ.
"އެހެންވީމަ ސަރުކާރުން ގަބޫލުކުރަނީ، ސިޔާސަތަކީ ވެސް ގަންނަން ވެސް ލިބޭނެ ޕްރައިމް ލޮކޭޝަންތަކުން ގޯތިތައް އެފޯޑު ކުރެޥޭ ފަރާތްތަކަށް. އެހެން ނަމަވެސް އާންމު ރައްޔިތުންނަށް އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ހިލޭ ގޯތި ދިނުމަކީ ސަރުކާރުން ކުރިއަށް ގެންދާނެ ގޮތޭ،" މުއްތަލިބު ވިދާޅުވި އެވެ.