ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ރެންޓް ޓު އޯން ނުވަތަ މަހުން މަހަށް ފައިސާ ދައްކަން ޖެހޭ އުސޫލުން ފްލެޓަށް ކުރިމަތި ލެވޭނީ އާމްދަނީ 60،000ރ. އަށް ވުރެ މަދުން ލިބޭ މީހުންނަށް ކަމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައި ބުނެފި އެވެ.

މިއީ، ބޯހިޔާވަހިކަމެއް ގަތުމުގެ ތަަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހުޅުވާލާ ކެޓަގަރީ ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މޮޑެލް އެވެ.

ހައުސިން މިނިސްޓްރީން އާންމު ކުރި އެ އުސޫލުގައިވާ ގޮތުން ފްލެޓްގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިންމުމުން ބޯހިޔާވަހިކަން ލިބުނު މީހާ އަށް އެ ތަން މިލްކު ކުރެވޭނީ އާމްދަނީ ވަކި މިންގަނޑަކަށް ވުރެ ދަށް މީހުންނަށެވެ.

އެ އަށް ވުރެ އާމްދަނީ މަތި ނަމަ ފްލެޓް ލިބޭނީ ސަބްސިޑައިޒް އަގެއްގައި ބޭންކަކުން ނުވަތަ ފައިނޭންސިން އިދާރާއަކުން މާލީ އެހީތެރިކަން ހޯދައިގެންނެވެ.

ރެންޓް ޓު އޯން މޮޑެލްގައިވާ ގޮތުން ބޯހިޔާވަހިކަން ދޫކުރާ މީހާ އާއި ބޯހިޔާވަހިކަން ލިބޭ މީހއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ މެނޭޖްމަންޓް ފީ އާއި އެހެނިހެން ފީތަކާއި ޗާޖުތަކެއް ނުހިމެނޭނެ އެވެ. އަދި ފްލެޓުގެ މިލްކުވެރިކަން ބަދަލުކޮށްދޭނ،ީ އެއްބަސްވުމުގެ ދަށުން އެންމެ ފަހު ކުލި ދައްކައި ހައުސިން ޔުނިޓުގެ ފުރިހަމަ އަގު އަދާކުރުމުން ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލުގެ ދަށުން އާމްދަނީ މިންކުރުމުގައި ވަޒީފާގެ ތަފުސީލާއި މުސާރައާއި އިނާޔަތްތަކުގެ ޖުމުލަ އަދަދާއި އަމިއްލަ ވިޔަފާރިން ލިބޭ އާމްދަނީ އާއި 12 މަސްދުވަހުގެ ބޭންކު އެކައުންޓް ސްޓޭޓްމެންޓާއި އާމްދަނީ ކަށަވަރުކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން ހުށަހަޅަން އަންގާ ހުރިހާ ލިޔެކިއުމެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މި މޮޑެލް އަށް މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.

ފްލެޓްތައް ދިނުމުގައި 11 ކެޓަގަރީއަކަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.

އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބަލާ، އެކަނިވެރިމައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކާއި އަލަށް ކައިވެނި ކުރާ ފަރާތްތަކާއި މާލޭގައި ދިރިއުޅޭ ޝަރުއީ ދާއިރާގެ އާއިލާތަކާއި މާލޭގައި އުޅޭ ޓެކްސީ ޑްރައިވަރުންގެ އާއިލާތަކާއި ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކުގެ އާއިލާތަކާއި މަސްވެރިންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކާއި ވެށިފަހިމާލެއާއި ހިޔާ މަޝްރޫއު އިން ފުލެޓް ލިބޭނެ ކަމުގެ ލިޔުން ލިބ،ި އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް ވެސް ހިމެނެ އެވެ.

ފްލެޓަށް އެދި ކުރިމަތިލާ މީހާގެ މިލްކުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި އޮވެގެން ނުވާނެ އެވެ. އަދި އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 އަކަފޫޓަށް ވުރެ ބޮޑުވެގެން ވެސް ނުވާނެ އެވެ.