މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ފްލެޓު ދޫކުރާ އުސޫލު ސަރުކާރުން ރޭ އާއްމުކޮށްފި އެެވެ.
އެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
ދެ ކެޓަގަރީގެ މީހުންނަށް ވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ގޯތިތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިއުލާން ކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް 2-3 މަސް ތެރޭގައި ހިއްކައި ނިމެނޭ ކަމަށް ލަފާކޮށްފައިވާ ރަސްމާލެ އިން 25،000 ގޯތި ދޫކުރާއިރު ފުރަތަމަ ދޫކުރާނީ 15،000 ގޯއްޗެވެ.
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން ގޯތި ދިނުމުގެ ކެޓަގަރީ އެކަކީ މާލޭގެ ރަށްވެހިންނެވެ. އެ ކެޓަގަރީގެ މީހުންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި (ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނާއި) ރަސްމާލޭން ވެސް ގޯތި ދޫކުރާނެ އެވެ. ދެވަނަ ކެޓަގަރީ މީހުންނަށް ރަސްމާލެ އިން ގޯތި ދޫކުރަން އުސޫލުގައި ވަނީ ހިމަނައިފަ އެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ރަސްމާލެ އިން ގޯތި ދިނުމުގައި ފުރަތަމަ ޝަރުތަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައި ވުމެވެ. އަހަރު ގުނާނީ އަންނަ ޖެނުއަރީމަހުގެ 14 ވަަނަ ދުވަހާ ހަމައަށެވެ.
އެ ކެޓަގަރީގެ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭފައި މާލޭގައި ދިރިއުޅުނު މުއްދަތާއި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ހިމެނެ އެވެ.
މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލާ ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުން 15 އަހަރުން ފެށިގެން 20 އަހަރާ ދޭތެރޭގެ މުއްދަތެއްގައި މާލޭގައި އުޅެފައިވާ ނަމަ ދޭނީ 20 ޕޮއިންޓެވެ. އަދި 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަަކަށް އުޅެފައިވާ ނަމަ 30 ޕޮއިންޓެވެ. މާލޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައި ވާ ނަމަ 40 ޕޮއިންޓެވެ.
ގޯތި ދިނުމުގައި މާލޭގެ ރަށްވެެހިން ކަމަށް ބަލާ މިންގަނޑު
ގޯތި ދިނުމުގެ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ތިން ގޮތެއް ބަޔާންކޮށްފައި ވެ އެވެ. އެއީ:
1- އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން.
2- މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުން.
3- މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ފަހުން ޖެހިފައިވާ މީހުން.
މާލޭގެ ރަށްވެހިންނަށް ދޫކުރާ ގޯތި ލިބޭނީ އެ އުސޫލުގައިވާ ގޮތުން ގިނަ ޝަރުތުތަކެއް ހަމަވެގެންނެވެ. ފާހަގަކޮށްލެވޭ ޝަރުތުތަކުގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ މީހާ އަކީ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ މީހަކަށް ނުވުމާއި 400 އަކަފޫޓު އޮތް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބައި ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ.
ބަހައިގެން ވާރުތައިން އެވަރުގެ ޖާގައެއް ލިބެން އޮތަސް، އެބައި ދޫކޮށްލަން އެއްބަސްވުމަކީ ވެސް ޝަރުތެކެވެ.
އެއްމެދު ގޯއްޗެއް ބަހައިގެން 400 އަކަފޫޓް ލިބޭ މީހުން ވެސް އެ އުސޫލުގައިވާ ގޮތުން ގޯއްޗަށް އެދެން ޝަރުތު ހަމައެއް ނުވާނެ އެވެ.
މީގެ ކުރިން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ބެލީ މީހެއްގެ މިލްކިއްޔާތުގައި 600 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮތްތޯ އެވެ.
އާ އުސޫލުގައިވާ ގޮތުން، ގޯއްޗަށް ކުރިމަތިލާ މީހާ އަށް މީގެ ކުރިން ފްލެޓެއް ނުވަތަ ގޯއްޗެއް އެހެން މީހަކަށް ހިބައިން ދީފައި ނުވަތަ ވިއްކާފައި ވޭތޯ ވެސް ބަލާނެ އެވެ.
ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް މާލެ ސަރަހައްދުން ފްލެޓް ލިބިފައި ނުވުމަކީ ވެސް ޝަރުތެކެވެ.