ދައުލަތަށް ދައްކަން ޖެހޭ ކުލި ދެ ފަހަރަށް ކުޑަކޮށް، މަހު ކުލީގެ ގޮތުގައި 4،984 ރުފިޔާ އަށް ދީފައިވާ ހިޔާގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާންކުރުމުން އާއްމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓަކީ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އެންމެ ކުޑަ ކުއްޔެއް ދައުލަތަށް ދައްކަން ޖެހޭ ސްކީމެވެ. އެތަނުގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިޓަނަންސް ފީއާ އެކު ދެ ކޮޓަރީގެ ފްލެޓަކަށް 5،000ރ. ނާރާއިރު، މިއީ މާލޭގެ ބޯހިޔާވަހިކަމުގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.
ހިޔާގެ ކުއްޔަށް އެންމެ ފުރަތަމަ، މަހަކު 7،500ރ. ކަނޑައަޅާފައިވިޔަސް ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް 2023 ވަނަ އަހަރުގެ މެއި މަހު، ހިޔާގެ ކުލި 5،300ރ. އަށް ކުޑަކޮށްފަ އެވެ. އެކަމަކު މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުލި އަނެއްކާވެސް ވަނީ ކުޑަކޮށްދީފަ އެވެ. މިހާރު ދެ ކޮޓަރީގެ އެ ފްލެޓުތަކަށް ކުއްޔަށް ދައްކަން ޖެހެނީ މެއިންޓެނަންސް ފީއާ އެކު މަހަކު އެންމެ 4،984ރ. އެވެ.
ދަތި ހާލުގައި އުޅޭ މީހުންނަށް ދޫކުރި ހިޔާ ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދިނަސް ފިޔަވަޅު ނޭޅޭ މައްސަލަ ބޮޑުވެފައި އޮއްވައި ދެ ކޮޓަރީގެ ފްލެޓެއް މިހާރު ވަނީ 21،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް ކުއްޔަށް ދައްކަންޖެހޭ އަދަދާ އަޅާބަލާއިރު ފަސް ގުނަ ބޮޑު އަދަދެކެވެ.
މި ޕޯސްޓު ފެނުމާ އެކު، ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ގިނަ ބަޔަކު ސުވާލު އުފައްދަނީ، ވަރަށް ފާޅުގައި މިހާ ބޮޑު އަގުގައި މި ފްލެޓްތައް ކުއްޔަށް ދޭ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނާޅާތީ އެވެ. ހިޔާގެ ބައެއް ފްލެޓްތައް ލޭބަ ކުއާޓާގެ ގޮތުގައި ވެސް ކުއްޔަށް ދީފައިވާ ކަމަށް މި ފަހުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ވަނީ ސަރުކާރަށް ޝަކުވާ ހުށަހަޅައިފަ އެވެ.
ކޮންމެ މަހަކު މާލޭގައި ބޮޑު ކުއްޔަކަށް އުޅޭނެ ފެންވަރު ނެތިގެން ކުޑަ އަގެއްގައި އުޅޭނެ ގޮތެއް ސަރުކާރުން ހޯދައިދިނުމުން ވެސް އެތަން ބޮޑު އަގުގައި ކުއްޔަށް ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ލިއެފައިވެ އެވެ. އަދި އެފަދަ ފަރާތްތަކުގެ އަތުން ފްލެޓު އަތުލައި، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފްލެޓު ދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.
ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު، އެމީހުން އުޅޭ ނިކަމެތި ހާލުގެ ސަބަބުން ލިބިފައިވާ އެ ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ އަބަދުވެސް ވެސް އޮވެ އެވެ. އެކަމަކު ކުލި އެހާ ބޮޑަށް ކުޑަކޮށްފައިވަނިކޮށް ބޮޑު އަގުގައި ކުއްޔަށް ދޫކުރުން ނުހުއްޓުވެ އެވެ.
ބޮޑު އަގުގައި ފްލެޓު ކުއްުޔަށް ދޫކުރަން ޖެހި މައްސަލައެއް އަނެއްކާވެސް ފެންމަތިވިއިރު މިހާރު ދޫކުރަން ފަށާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކޮށް ނުނިމެނީސް، އޭގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޭން އިއުލާނު ކުރި މައްސަލައެއް ވެސް ވަނީ ބޮޑުވެފަ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު އެޗްޑީސީން ވަނީ އެ ކުންފުނިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް ބުނެފައިވެެ އެވެ.
އެޗްޑީސީން ބުނެފައި ވަނީ، ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
އެއްބަސްވުމާ ހިލާފަށް އެހެން މީހަކަށް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެޗްޑީސީން ދީފައިވެ އެވެ.
ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ އެވެ.
އެހެންވެ، ހިޔާ ފްލެޓާއި އެފްޑީސީގެ ފްލެޓުތަކަށް އެގްރިމެންޓް ހަދާފައިވަނީ އެކަންކަމަށް ރިއާޔަތްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ސޯޝަލް ހައުސިން ފްލެޓްގެ އެއްބަސްވުމާ ހިލާފްވެގެން އެއްވެސް ފްލެޓެއް އަތުލާފައެއް ނުވެ އެވެ.