ހުޅުމާލެ ފޭސް 2 ހުންނަ ހިޔާ ޓަވަރުތަކުގެ މެދުގައި އޮންނަ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް" އެއް ހަދައި، އެތަން މިއަދު ހުޅުވައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނުކްއަކީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި، ފޮތް ކިޔޭނެ ގޮތް މަގުފަހިކުރުމަށް ހެދި ތަނެއް ކަމަށެވެ.

ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެކަށީގެންވާ ދިވެހި އަދި އިނގިރޭސި ފޮތްތައް އެތަނުން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް"އެއް ހަދައި ހުޅުވުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް"އެއް ހަދައި ހުޅުވުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެ ތެރޭގައި އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި ޓީން ފިކްޝަން ފޮތްތަކާއި ދިވެހިބަސް ދަސްކުރަން ހާއްސަ ފޮތްތައް އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައް ވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުންނެވެ.

އެޗްޑީސީން ބުނީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން ފޮތް ކިޔަން ބޭނުންނަމަ، ނުކްއިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައި ވެސް ފޮތް ކިޔަން ތިބެވޭނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުން ދިއުމުގެ ކުރިން ފޮތް އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ރީޑިން ނުކް" ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ.

"މިއީ ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.