މިދިޔަ ހުކުރު ދުވަހު ހިޔާގެ ފަސް ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ފާހާނާ ހޮޅިތައް  މަރާމާތުކުރަމުން ދާއިރު ފާހާނާ ބޭނުން ނުކުރަން އެދިފައި ވިޔަސް ބައެއް އެޕާޓްމަންޓުތަކުން ފާހާނާ ބޭނުންކުރާތީ، މަރާމާތުގެ މަސައްކަތުގައި އުޅޭ މީހުންގެ ގަޔަށް ނަޖިސް އެޅޭ މައްސަލަ ބޮޑުވެއްޖެ އެވެ.  

އަލިފާނުގެ ހާދިސާގައި، ހިޔާގެ ފަސް ވަނަ ޓަވަރުގެ އެޕާޓްމަންޓް 6 އަދި 7 ގެ މައި ހޮޅިއަށް ވެފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ އެޗްޑީސީންނެވެ. ވައިގޮޅީގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓެއްގައި ކޮންމެވެސް ގޮތަކުން ރޯވެގެން ހިނގި ކަމަށް ބެލެވޭ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅި އަނދާފައިވެ އެވެ.

މީގެ އިތުރުން އެތަނުގައި ހަރުކޮށްފައި ހުރި 34 އޭސީ އައުޓްޑޯ ޔުނިޓާއި ވައިގޮޅިއަށް ކަނޑާފައިވާ ކުޑަ ދޮރުތައް ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. 

އެހެންވެ، މަރާމާތުގެ މަސައްކަތްކުރަމުން އަންނައިރު އެ އެޕާޓްމަންޓްތަކުގެ ފުރަތަމަ ފާހާނާގެ އެކްސެސް ދިނުމަށާއި ދެ ކޮޓަރީގެ ފާހާނާ ބޭނުން ނުކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ. 

އެޗްޑީސީން އެގޮތަށް އެދިފައި ވިޔަސް ފްލެޓުތަކުގައި އުޅޭ ބައެއް މީހުން ފާހާނާ ބޭނުންކުރާ ކަމަށާއި އެހެންވެ އެ މަސައްކަތް އަވަހަށް ނިންމަން ހުރަސް އެޅިފައިވާ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. 

ހިޔާ ޓަވަރުތަކުގައި އުޅޭ މީހުންގެ ވައިބަ ގްރޫޕްތަކުގައި ވެސް ބައެއް މީހުން ވަނީ މި މައްސަލައިގައި ނުރުހުން ފާޅުކޮށްފަ އެވެ.  

ގްރޫޕްތަކުގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ހޮޅިތައް މަރާމާތުކުރަމުން ދަނިކޮށް އަދި ވަކިވަކިން އެޕާޓްމަންޓްތަކަށް ގޮސް، ފާހާނާ ބޭނުން ނުކުރުމަށް އެދިފައި ވަނިކޮށް ވެސް ބައެއް އެޕާޓްމަންޓްތަކުން ފާހާނާ ބޭނުންކުރެ އެވެ. 

"އެޗްޑީސީ މީހުން މަސައްކަތްކުރާއިރު 6 އަދި 7 ގެ އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުންކުރީމާ ތިރިއަށް ނަޖިސް އެޅޭނީ. މިއީ ކުޑަކުދިންނެއް ނޫން އެވަރު ކިޔައިދޭކަށް. މައްސަލަ ހައްލު ވަންދެން ބޭނުންނުކުރުމަށް ވަކިވަކިން އެޕާޓްމަންޓްތަކަށް ގޮސް ބުނެފި. ދެން އިތުރަށް ކިހިނެއް ކިޔައިދޭނީ،" ވައިބަ ގްރޫޕެއްގައި މީހަކު ބުނެފައިވެ އެވެ. 

މަސައްކަތްކުރާ މީހުންނަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި މައްސަލަ ހައްލުކުރުމަށް އެމީހުން މަސައްކަތްކުރަމުންދާއިރު ޓަވަރުގައި އުޅޭ ބައެއް މީހުންނާ ހެދި މަސައްކަތަށް ހުރަސްއެޅޭތީ އެ ކަންބޮޑުވުން ބައެއް މީހުން އެ ގްރޫޕްގައި ހިއްސާކޮށްފައިވެ އެވެ. 

"މަސައްކަތްކުރަނީ [ވެސް] އިންސާނުން. އެ މީހުން މަސައްކަތްކޮށްކޮށް ހުއްޓާ އެ އަންނަނީ ނަޖިސް، ބޮޑުކަމު ގޮސްފައި. މިއީ ހިތާމަކުރަންޖެހޭ ކަންކަން." 

އެހެންވެ އެންމެން ވެސް އެކަމުގައި އެއްބާރުލުން ދިނުމަށް، މިކަމުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައިވާ ބައެއް މީހުން އެދިފައިވެ އެވެ. 

އެޗްޑީސީގެ އޮފިޝަލަކު ވެސް "މިހާރު" އަށް ވިދާޅުވީ މަރާމާތުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު އެފަދަ ހާދިސާތައް ހިނގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެތަނުގައި އުޅޭ ގިނަ ބަޔަކު އެއްބާރުލުންދޭ ކަމަށާއި އެކަމަކު ބައެއް މީހުން އެޕާޓްމަންޓް ތަޅުލާފައި ހުންނާތީ، ފްލެޓަށް ވަދެގެން ކުރަންޖެހޭ މަސައްކަތަށް ދަތިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވީ އެފަދަ ބައެއް ކަންކަމާ ހުރެ، މަސައްކަތް ނިންމުން ލަސްވަމުންދާ ކަމަށެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.  އެ އިދާރާއިން ބުނެފައިވާ ގޮތުގައި އެއީ ހަތް އެޕާޓްމަންޓެއްގެ މީހުންނެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެންޑީއެމްއޭގެ އިމަޖެންސީ ހޮޓްލައިން 115 އަށް ގުޅުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.