ވައިގެ މަގުން ރާއްޖެ އަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން ރޭ ކުރުމާ އެކު، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
"އެމްއޭސީއެލްގެ ފަރާތުން އަޅުގަނޑު ހަމަ މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި މިތަނުގައި އެ ބޭފުޅުން، މި 80 ގަޑިއިރު 124 ގަޑިއިރު ޑެމަރޭޖް ނާރާ ވަގުތު އިތުރު ކޮށްދޭނެ އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވައިގެ މަގުން ގެންނަ ތަކެތި ކްލިއާކުރުން ލަސްވެ ވިޔަފާރިއަށް ގެއްލުންވާ ކަމުގެ ޝަކުވާ ރޭގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ކޫރިއާ ސާވިސްދޭ ސީޕެކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހުސައިން އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގައި ހިލޭ މުދާ ބެހެއްޓެނީ 80 ގަޑިއިރަށް ކަމަށާއި އެ ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ އިންތިޒާމު ނެތް ކަމަށެވެ. އެކަން އެހެން އޮތް އިރު ކޫރިއާ ހިދުމަތްދޭ 12 ކުންފުނިން ކޮންމެ ދުވަހަކު ގެންނަ މުދާ އެ ވަގުތުގެ ތެރޭގައި ކްލިއާ ނުކުރެވުމުން ޑެމަރޭޖްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށް ހުސއިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔަ މަހު ދައްކައިފިން، ރައީސް، އެއް މިލިޔަން ރުފިޔާ ޑެމަރޭޖަށް، އެމްއޭސީއެލް އަށް،" އޭނާ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވި ގޮތުގައި މުދާ ކްލިއާ ކުރުން އަވަސްކުރަން ކޫރިއާ އެޖެންޓުންނަށް ކޮށްދެވެން އޮތީ ކޮން ކަމެއްތޯ އެމްއޭސީއެލްއާ ވާހަކަ ވެސް ދައްކާފައި ވާނެ އެވެ. އެކަން ހައްލު ނުވާތީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހަށް ކޮޕީ ކޮށްފައި އެތައް ފަހަރަކު ޝަކުވާ ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހައްލެއްގެ ގޮތުގައި ހުށަހެޅުއްވި އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމްސް އިން 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ބަދަލުކުރުމެވެ. އެއީ މުދާ ބޭރުކުރުން ލަސްވަނީ ކަސްޓަމްސް އިން ސްކޭންކުރަން އެންމެ މެޝިނެއް ހުރުމުން ސްކޭން ކުރަން ހޭދަވާ ވަގުތު ގިނަވީމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އެ ހުށަހެޅުއްވުމާ އެއްގޮތަށް، ކަސްޓަމްސްގެ ހިދުމަތް މިހާރު އޮންނަ 18 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވެސް ރޭ ވިދާޅުވެފަ އެވެ.
ދެވަނަ ހައްލެއްްގެ ގޮތުގައި ހުސައިން ހުށަހެޅުއްވީ ޑެމަރޭޖް (ޖޫރިމަނާ)ގެ ގޮތުގައި ފައިސާ ދައްކަން ނުޖެހޭނެ އިންތިޒާމެއް މިވަގުތަށް ހަމަޖެއްސުމެވެ.
"އެތާނގައި ޖާގައެއް ނެތް. އެތާނގައި ހުރީ އެންމެ މެޝިނެއް ކޫރިއާއަށް. އެތާނގައި ފެންސް ބަދަލުކުރުމާއި ނޫނިއްޔާ އެތާ ޖާގަ ބޮޑުކުރުމާ އަދި އެއީ ޓައިމް ނަގާނެ ކަންތައްތައް ވަރަށް ބޮޑަށް. އެއީ މިސާލަކަށް ބުނާ ނަމަ ހަރަދުތަކެއް ހިނގާނެ ކަމެއް. އެހެން ނަމަވެސް މިހާރު އެބައިނެއް ނޫންތޯ އެއްކަލަ ފްރީޓައިމް ބޮޑުކޮށްލެވެން،" ހުސައިން ވިދާޅުވި އެވެ.
ކޫރިއާ ހިދުމަތްދޭ އެހެން ކުންފުންޏެއް ކަމަށްވާ މައިއެކްސްޕްރެސް އަދި އެކްސްޕްރެސް ޝިޕިން އެންޑް ލޮޖިސްޓިކްސްގެ ފަރާތުން ވާހަކަ ދެއްކެވި އަޝްރަފް ވަހީދު ވިދާޅުވީ އެއާޕޯޓުގައި ކޫރިއާ އަދި އެއާ ކްލިއަރެންސް މަސައްކަތްކުރާ ގޮތް ރައީސް މުއިއްޒާއި ކަމާ ބެހޭ މިނިސްޓަރުން ވަޑައިގެން ބައްލަވައިލެއްވުން ރަނގަޅު ކަމަށެވެ.
"ކިހާ ހާލެއްގައިތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން ދަނީ. ކިހާ ވަގުތެއްތޯ ހޭދަކުރަނީ ޝިޕްމަންޓް ނެރެލަން،" އަޝްރަފް ވިދާޅުވި އެވެ.
ވިޔަފާރިވެރިން އެތައް ކަމެއް ހުށަހެޅި އިރު ސަރުކާރުން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ލަސްވުމުގެ ކަންބޮޑުވުން ރޭ ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. ރައީސް ވަނީ މި އަހަރުގެ ބާކީ މިއޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ގިނަ ބަޔަކަށް ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މިކަމުގައި ބޮޑު ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.