އައްޑޫއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޒޯނަކަށް ބަދަލުކުރަން ނިންމައި އައްޑޫގައި ތިބެގެން އެކަން ކުރާ ނަމަ ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީގައި ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ޒޯނުތައް ކަނޑައަޅައި، އެ ޒޯނުތަކުގައި ވަކި މުއްދަތަކަށް އެސްއެމްއީ ސެކްޓާގައި ލުއިތަކެއް ދިނުމަކީ އެ މަނިކުފާނުގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.
އެ ޕްރޮގްރާމު އަންނަ ޖެނުއަރީގައި ފަށަން ނިންމާފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ ޒޯނަކީ އައްޑޫ ކަމަށެވެ. އަދި ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން ބޮޑެތި ލުއިތަކެއް ލިބެނީ އައްޑޫގައި ތިބެގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަށާ ނަމަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެގޮތަށް އަޅުގަނޑުމެން ފުރަތަމަ ޒޯނެއްގެ ގޮތުގައި ކަނޑަައަޅާނީ އައްޑޫ ސިޓީ. އައްޑޫ ސިޓީން ކަނޑައެޅިގެން މި ދަނީ އެކެއް ޖެނުއަރީ އިން ފެށިގެން ތިން އަހަރު ދުވަހަށް ވަރަށް ގިނަ ލުއިތައް ދެވިގެން އެސްއެމްއީ ސެކްޓާގައި. އައްޑޫ ސިޓީގައި ފިޒިކަލީ ގާއިމުވެގެން ތިބެގެން ވިޔަފާރިކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރި ހިންގަނީ ދައުލަތުގެ ބިމެއްގައި ނަމަ، އެ ބިމުގެ ކުލި މާފުވާނެ އެވެ. އިންކަމް ޓެކްސް ދައްކަން ނުޖެހުމާއި 20-30 ކޯޓާ އިން އަހަރީ ފީ ލުއިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މީހުންގެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ ވެހިކަލްތަކަށް ފީ ދައްކަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ކަހަލަ ލުއިތައް ލިބިގެންދާނެ އައްޑޫ ސިޓީގައި ގާއިމުވެގެން ތިބެގެން އެސްއެމްއީ ވިޔަފާރިކުރާ ފަރާތްތަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓްގެ ބޭނުމަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާ އެކު އެ ސިޓީގެ އިގްތިސާދު ހަރުދަނާކުރުމެވެ.
އައްޑޫގައި ފުރަތަމަ އެ ޕްރޮގްރާމް ފެށި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެހެން ޒޯނުތައް ކަނޑައަޅައި، އެ ތަންތަނުގައި ވެސް އެ ޕްރޮޖެކްޓް ހިންގާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވަނީ އެއީ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.
އެ ލުއިތަކުގެ އިތުރުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ އެހެން ލުއިތައް ވެސް އެ ވިޔަފާރިތަކަށް ލިބޭނެކަން ރައީސް ރޭ އިއުލާން ކުރެއްވި އެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ ގޮތަށް ހަމަޖައްސުމާއި ޖީއެސްޓީ ރަޖިސްޓަރީ ކުރަން އޮންނަ ތްރެޝްހޯލްޑް އަދަދު 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުމުގެ އިތުރުން ކުދި ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓްކުރާ ރޯ މެޓީރިއަލްތަކުގެ ލިސްޓެއް ހަދައި، އެއަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ވަކި ބާވަތްތަކުގެ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލައި ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ހޯދައިދިނުން ކަމަށެވެ.