ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވެގެން ދާއިރު ވެސް އެ ކުންފުނިތަކުން މީރާއަށް ޓެކްސްތައް ދައްކަން ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރު މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ފާޅުކުރުމުންނެވެ.
އެ ޝަކުވާ ހުށަހެޅި ބައެއް ވިޔަފާރިވެރިން ވަނީ އެފަދަ ހާލަތުގައި މީރާ އިން ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ފައިސާ ކަނޑަން ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެއީ މިހާރު ވެސް ކޮންމެވެސް ވަރަކަށް އަމަލުކުރާ އުސޫލެއް ކަމަށެވެ.
"އެހެން ނަމަވެސް އެއަށް ވުރެ ފުޅާކޮށް، ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާ ވެސް ގިނަ ބަޔަަކަށް އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައިވާނެ ގޮތަކަށް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗެއް ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅާކެނޑޭނެ ގޮތެއް، ދެން އޭގައި ގާނޫނީ ގޮތުން ބަލަން އެއްވެސް ކަމެއް އޮތްތޯ ބެލުމާ އެކީގައި، މީރާ އާއި ފިނޭންސާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން، އެއަށް ވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.
އެ އުސޫލުގެ ތެރެއިން ސެޓުލް ކުރާނެ ފައިސާގެ ވަކި އަދަދަދެއް ވިދާޅު ނުވެވުނަސް، ހައްލެއްގެ ގޮތުގައި އެ އުސޫލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭން އޮތް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ވެސް ރަައީސް ރޭ ޖަވާބުދެއްވި އެވެ. ރައީސް ވިދާޅުވީ މި މަސް ނިމޭ އިރު ގިނަ ކުންފުނިތަކަކަށް ފައިސާ ދެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އަދި ހަމަ އެއާ އެކީގައި ބާކީ އެމައުންޓް ވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ހަމަ ކްލިއާކޮށްލެވޭތޯ މި ބަލަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި މައްސަލަތަކުގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ގެންނަ މުދާ ނެރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖް (ޖޫރިމަނާ)ގެ ގޮތުގައި އަދަދެއްގެ ފައިސާ ދައްކަން ޖެހޭ މައްސަލަ އާއި ރާއްޖޭގައި ބިދޭސީން ކުރާ ވިޔަފާރިތައް ގިނަ ވުމުގެ މައްސަލަ ހިމެނެ އެވެ.