ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މި ހަފުތާގައި ގެނައި އިސްލާހުތަކުގެ ތެރެއިން ބޭބީ ސިޓާސް ނުގެނެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފި އެވެ.
ބިދޭސީންނާ ގުޅޭ އާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި އެ ގަވާއިދު މިދިޔަ އާދިއްތަ ދުވަހު ގެޒެޓް ކުރިއިރު ބޭބީ ސިޓާސްގެ ވާހަކަ ހިމަނާފައި އޮތެވެ.
އެހެންވެ، ވަރަށް ގިނަ ބަޔަކު ވަނީ އެއީ "ސްކިލްޑް" މަސައްކަތެއް ނޫން ކަަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.
އެ ޝަކުވާތަކާ ވިއްދައިގެން ސަރުކާރުން ހޯމް މިނިސްޓްރީން ވަނީ އާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރެއިން "ބޭބީސިޓާސް" ގެ ވަޒީފާ އުނިކޮށް ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފަ އެވެ.
އެ ބަދަލާ އެކު، ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ދެން ކޯޓާ ނުދެވޭނެ ވަޒީފާތަކަކީ:
• ހެއާ ޑްރެސަރުން
• ބިއުޓީޝަނުން
• ޕާސަނަލް ޓްރެއިނާސް
• އިލެކްޓްރީޝަނުން
• ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
• ޓުއާ ގައިޑުން
• އެކައުންޓެންޓުން
• އިމާމުން
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތައް:
• ޑައިވަރުން
• ނަރުހުން
• ބިލްޑިން އިކްސްޕެކްޓަރުން
• ސާވޭޔަރުން
• ސައިޓް ސުޕަވައިޒަރުން
• ޕައިލެޓުން
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:
• އިލެކްޓްރިކަލް އިންޖީނިއަރުން
• ޑައިވް އިންސްޓްރަކްޓަރުން ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:
• ހައުސް ކީޕިން މެނޭޖަރުން
• ހިއުމަން ރިސޯސް މެނޭޖަރުން
• ޕްރަންޓް އޮފީސް މެނޭޖަރުން
• ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވެފައިވެ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.