ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ދާއިމީ ކޯޓާ ދޫކުރާއިރު ވޯކް ސައިޓު ރަޖިސްޓަރީ ކުރަން އިތުރު ޑޮކިއުމަންޓުތައް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ހަރުކަށިކޮށް، އަދި އެ ތަކެތި މި މަސް ނިމުމުގެ ކުރިން ހުށަނާޅާ ނަމަ އެ ސައިޓުތަކުގެ ހުއްދަ ސަސްޕެންޑު ކުރަން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކޯޓާ ދޫކުރަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކަމަށް ވާއިރު، އެ ބިދޭސީއަކު މަސައްކަތް ކުރާ "ވޯކް ސައިޓު" ރަޖިސްޓަރީ ކުރަންޖެހެ އެވެ.

ނަމަވެސް ހޯމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ވޯކް ސައިޓު ރަޖިސްޓަރީ ކޮށްދޭނީ ނޮޓަރައިޒް ކޮށްފައިވާ "ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު" އާއި އިގުރާރު ހުށަހެޅުމުން ކަމަށެވެ. އެ ފޯމާއި އިގުރާރު ވެސް އެކްސްޕެޓް ސިސްޓަމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން މިއަދުން ފެށިގެން ހަމަޖައްސާފައިވާ ގޮތުން ވޯކް ސައިޓު ރަޖިސްޓަރީ ކުރަނީ ކުއްޔަށް ހިފާ ތަނެއްގައި ނަމަ ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެހެނިހެން ލިޔުންތައް ހުށަހަޅަން އެންގުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް ލިބޭނެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ވަނީ ދާއިމީ ކޯޓާ ދޫކޮށްފައިވާ ބިދޭސީންގެ ވޯކް ސައިޓު ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގެ މައުލޫމާތު އަޕްޑޭޓުކޮށް، މި މަަސް ނިމުމުގެ ކުރިން ހުށަހަޅަން އަންގައިފަ އެވެ. އޭގެ ތެރޭގައި ވޯކް ސައިޓު ޑިކްލަރޭޝަން ފޯމާއި އިގުރާރު ހިމެނެ އެވެ.

"އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑު ކުރެވޭނެ ވާހަކަ ހުރިހާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެ މީހުން ޑީޕޯޓު ކުރުމާއި ގަވާއިދަށް ފެއްތެން ހުރި މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރިއަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު އެ ކަމުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެ އައިސް ގަވައިދާ އެއްގޮތަށް އުޅެ، ވަޒީފާ ނެތް ބިދޭސީންނަށް ހޯމް ލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ވަޒީފާ ހޯދައިދޭން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

ރާއްޖެ އައިސް ގަވައިދާ އެއްގޮތަށް އުޅެ، ވަޒީފާ ނެތް ބިދޭސީންނަށް ވަޒީފާ ހޯދައިދޭން ހާއްސަ ޕްރޮގްރާމެއް ވެސް ހިންގަން ހޯމް މިނިސްޓްރީން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހޯމް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނީ މިހާތަނަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ.