ރާއްޖެ އައިސް ގަވައިދާ އެއްގޮތަށް އުޅެ، ވަޒީފާ ނެތް ބިދޭސީންނަށް ހޯމް ލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ވަޒީފާ ހޯދައިދޭން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަ ވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގް މަސައްކަތްތައް މިނިސްޓްރީން ކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންނެވެ.
އެހެންވެ މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއްނެތް ބިދޭސީން، އެކަމަށް ހާއްސަކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އަދި ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމަށްވާނަމަ، އެ އިންތިޒާމުތައް މިނިސްޓްރީއިން ހަމަޖެހިގެންދާނެ ކަމަށް ބުންޏެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނީ މިހާތަނަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުކޮށްފައިވާ ކަމަށެވެ.