މާލޭ ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލާއެއް ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން އަތުލައިތީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަސް އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ހަފުތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ އަށް މަސާޖް ޕާލާއެއް ފާސްކޮށް އެ ތަންތަން ބަންދުކޮށްފަ އެވެ. އެ ތަންތަނުން ވެސް ވަނީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފަ އެވެ.
ނަމަވެސް ރޭ ފާސްކުރި އެއްވެސް ތަނެއް ބަންދުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ހިންގާ ވަރަށް ގިނަ ތަންތަނުގައި ހަށިވިއްކާ ކަމަށް އަބަދުވެސް ތުހުމަތު އޮވެ އެވެ. އަދި ބިދޭސީން ސޯޝަލް މީޑިއާގައި ފާޅުގައި އެފަދަ ކަންކަން އިޝްތިހާރު ވެސް ކުރެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ތިން އަވަށުގެ ރައްޔިތުންނާ ދާދި ފަހުން ބައްދަލުކުރެއްވިއިރު ވެސް މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އައިސްފައިވެ އެވެ.