ފާހިޝް އަމަލުތައް ހިންގާ 104 މަސާޖުޕާލާ މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި މާލެ އިން ބަންދުކޮށްފައިވާ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ހިލާޔާއި މަޝްވަރާ ލިބިގެން، ރާއްޖޭގައި ހުރި ނުބައި އެތައް އާދައަކަށް މަގުފަހިވާ ކަންކަން ހުއްޓުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ އަތޮޅުތަކާއި ވެރިރަށް މާލޭގައި ވެސް ހުއްދަ ނުނަގައި މަސާޖުޕާލާތައް ހިންގާ ކަމަށެވެ.
އެ ތަންތަން ބަންދު ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު، އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ ކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ މަސް ދުވަސް ތެރޭގައި މާލެ އިން 104 މަސާޖުޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
"މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ފެށި، އެތައް ގުނައަކަށް މައްޗަށް ޖެއްސި. ޑިސެމްބަރު 9 އިން މިއަދަށް، އެއް މަސް ދުވަސް މިވީ، މި މަސްދުވަސް ތެރޭ މާލެ ސިޓީން 104 މަސާޖު ޕާލާ ވަނީ ބަންދު ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައިި، ފާހިޝް އަމަލުތައް ހިންގާތީ ބަންދުކުރަންޖެހޭ 200 އަށް ވުރެ ގިނަ މަސާޖުޕާލާ މާލޭގައި އެބަހުއްޓެވެ. އެހެންވެ، އެ މަނިކުފާނު އެދިވަޑައިގަތީ އެ ތަންތަން ހިންގާ މީހުން ވެސް އަވަހަށް އެ މަސައްކަތް ހުއްޓާލާށެވެ. އެގޮތުން ޓޫރިސްޓު ވިސާގައި ގެނެސްފައި ތިބި މީހުން ވެސް އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވާލައި މަސާޖުޕާލާތައް އަމިއްލަ އަށް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިފަދަ އެތައް ކަމެއް މި ހިންގަނީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވި އެއްކަމަކީ ބިދޭސީންގެ މައްސަލަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން 362 ބިދޭސީއަކު ވަނީ ޑީޕޯޓުކޮށްފަ އެވެ. އެއީ ބަޔޯމެޓްރިކްސް ނުދީ މަގުމަތީގައި އުޅެނިކޮށް އަތުލައިގަތް މީހުންނެވެ.
ބަޔޯމެޓްރިކްސް ނުދީ ރާއްޖޭގައި އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓް ކޮށްލާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް 922 ބިދޭސީން ވެސް އެކިއެކި މައްސަލަތަކާ ހެދި ރާއްޖެ ފޮނުވާލާފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިހުލާސްތެރިކަމާ އެކީގައި މި ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި،" ރައީސް ވިދާޅުވި އެވެ.