މާލޭގައި ހިންގަމުންދިޔަ މަސާޖުޕާލާތަކެއް ބަންދުކޮށް، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ރޭ ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަތަރު މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފަ އެވެ. މިތަންތަން ފާސްކުރީ ގަވައިދާ ހިލާފަށް، ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ އެ ތަންތަން ހުއްޓުވަން ހިންގާ އޮޕަރޭޝަނުގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި، ނޯޓިސްދީ އިކޮނޮމިކް މިނިސްޓްރީން ހުއްޓުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ.
އަދި އެކަން ކުރާ ބިދޭސީން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.
މަސާޖްޕާލާތައް ހިންގާތީ އެކަމުގެ ކަންބޮޑުވުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ރައްޔިތުންނާ ބައްދަލުކުރައްވަން މާލޭގެ އެކި އަވަށްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި ހައްލުކޮށްދޭން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެކި ނަން ނަމުގައި ހިންގާ މަސާޖްޕާލާތައް ހުއްޓުވައި ފިޔަވަޅު އަޅައިދޭން ވަނީ އެދިފަ އެވެ.
އެ ބައްދަލުވުންތަކުގައި ހުށަހަޅާ ހުރިހާ މައްސަލަތަކަކަށް އެޓެންޑް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
މާލޭގައި ހިންގާ ސްޕާތަކާއި މަސާޖްޕާލާތައް ހުއްޓުވަން ދޭތެރެ ދޭތެރެއިން އިމިގްރޭޝަނާއި ފުލުހުން އޮޕަރޭޝަންތައް ހިންގަ އެވެ. އެފަދަ ތަންތަނުން ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް އަތުލައިގަނެ، ބިދޭސީން ޑީޕޯޓުކޮށްފައި ވެސް ވެ އެވެ.