ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޕީއެސްއެމުން އިއްޔެގެ 15 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯނަށް 10 މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޓެލެތޯން ބޭއްވީ އިއްޔެގެ ހެނދުނު 8:00 އިން އިން ދަންވަރު 12:00 އާ ހަމައަށެވެ.

ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ބެހެެއްޓި ފޮއްޓަކަށް ފައިސާ ލުމަށް ކުއްޖަކު މިއަދު ތައްޔާރުވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ބެހެެއްޓި ފޮއްޓަކަށް ފައިސާ ލުމަށް ކުއްޖަކު މިއަދު ތައްޔާރުވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީއެސްއެމުން ބުނިގޮތުގައި އެކައުންޓް މެދުވެރިކޮށް 9،390،647 ރުފިޔާ އާއި 31،732 ޔޫއެސް ޑޮލަރު (488،672 ރުފިޔާ) ވަނީ ޖަމާކޮށްފަ އެވެ.

ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. ފުރަތަމަ ހަ ގަޑިއިރުގެ ތެރޭގައި ވެސް 1.8 މިލިއަން ރުފިޔާ ލިބުނު ކަމަށް ޕީއެސްއެމުން ބުންޏެވެ.

އެންމެ ބޮޑު އެހީއެއް ދިނީ ސިފައިންގެ ފަރާތުންނެވެ. އެއީ 2.1 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އެހީއެއް ދިން ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ފަސް ލައްކަ ރުފިޔާ ދިނެވެ.

ޕީއެސްއެމުން ބުނިގޮތުގައި، ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރު ކޮށްދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށެވެ. އަދި އެ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާނެ ކަން ޔަގީން ކުރުމަށް މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" ހަމަޖައްސާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ބެހެެއްޓި ފޮއްޓަކަށް ކުޑަކުއްޖަކު މިއަދު ވަކި ލާރިން އެހީވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ބެހެެއްޓި ފޮއްޓަކަށް ކުޑަކުއްޖަކު މިއަދު ވަކި ލާރިން އެހީވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފަލަސްތީނަށް އެހީވުމަށް ހިންގާ ޓެލެތޯންގައި އިއްޔެގެ އިރުއޮއްސެންދެން 13 ފަންޑުފޮށި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި އެވެ. އޭގެ ބައެއް ފޮށިތަކަށް ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާ ކޮށްފަ އެވެ. އެ ފޮށިތަކުގައި ހުރި ފައިސާގެ އަދަދު ޕީއެސްއެމުން މިވަގުތު ވެސް އަންނަނީ ގުނަމުންނެވެ.