ފަލަސްޠީނުގެ ހައްގުގައި ދިވެހިން ކުރާ މަސައްކަތް އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ފަލަސްތީނުގައި ހިންގަމުންދަނީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށެވެ.
މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލް ވާންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ ފަލަސްތީނާއި އިޒްރޭލާ ދެމެދުގެ މައްސަލައެއް ކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ވެސް ހައްގެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް ކަމުގައި ބަލަން ޖެހޭ،" މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިއުމަތް ދެއްވަނީ އެ ނިއުމަތް ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށްޓަކައި."
ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކަންކަން ދިމާވާ ވަގުތު އެ މީހެއްގެ ހުރި ސިފައެއް ފެންނާނީ. މިއޮތީ އަޅުގަނޑުމެން މުސްލިމުން ކުރިމަތީގައި އެންމެ ބޮޑު މައްސަލަ. މީގެ ކުރިން މި މައްސަލަ ބޮޑު ނުވާ ވަރަށް ބޮޑުވެފައި. ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތު އަޅުގަނޑުމެންގެ އެހީތެރިކަން ނުދީފި ނަމަ ދެން އަޅުގަނޑުމެން ދައްކާނެ އެހެން ވާހަކައެއް [ނެތް]،" ރައީސް ވިދާޅުވި އެވެ.
ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުން ވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ޕީއެސްއެމުން ވަނީ ފަލަސްތީނަށް އެހީވުމަށްޓަކައި މާލެ ސަރަހައްދުގައި 13 ފަންޑުފޮށި ބަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރު ސަރަހައްދާއި ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާގެ ބިލްޑިންގް ސަރަހައްދާއި އެސްޓީއޯ އިމާރާތް ހިމެނޭ ސަރަހައްދާއި އެމްޕީއެލް އާއި ސްޓެލްކޯ އާއި ފެރީ ޓާމިނަލްތަކާއި އެސްޓީއޯ ސުޕަމާކެޓު ސަރަހައްދެވެ. މީގެ އިތުރުން ޓީވީއެމްގެ ގޯތި ތެރޭގައި ވެސް ފޮއްޓެއް ބަހައްޓާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކޮށްފައިވާއިރު، އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.