ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޕީއެސްއެމުން އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯނަށް 14 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޕީއެސްއެމުން މިއަދު ބުނީ، ފަންޑު ފޮށިތަކަށް ލިބުނު ފައިސާ އާއި އޮންލައިންކޮށް ޓްރާންސްފާގެ ގޮތުގައި ލިބުނު ފައިސާގެ އިތުރުން އެކި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ލިބުނު ފައިސާއާ އެކު 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ޓެލެތޯނަށް ލިބިފައިވާ ކަމަށެވެ.

ޓެލެތޯނަށް މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ފޮށިތަކަށް ޖަމާކޮށްފައިވާ ފައިސާ ގުނުމުގެ މަސައްކަތް ރޭ ފަތިހު ކުރީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އިންނެވެ. ނަގުދު ފައިސާގެ ގޮތުގައި ލިބުނު ފައިސާ މި ޓެލެތޯނަށް ކަނޑައަޅާފައިވާ އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތް ބީއެމްއެލް މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.

މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވީ، ފޮށިތަކަށް ޖަމާކޮށްފައިވާ ހުރިހާ ފައިސާއެއް އޮޑިޓް ފާމުގެ އޮފިޝަލުންގެ ހާޒިރުގައި ރޭ ފަތިހު ގުނުމަށް ފަހު ޖަމާކުރުމަށްޓަކައި ބީއެމްއެލްގެ މުވައްޒަފުންގެ ހަވާލުގައި ފޮނުވާފައިވާ ކަމަށެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ޕީއެސްއެމުން އިންތިޒާމު ކޮށްގެން އިއްޔެ ބޭއްވި ޓެލެތޯންގައި ބެހެއްޓި ފަންޑު ފޮއްޓަކަށް ކުޑަކުއްޖަކު ރުފިޔާ ލަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ޕީއެސްއެމުން އިންތިޒާމު ކޮށްގެން އިއްޔެ ބޭއްވި ޓެލެތޯންގައި ބެހެއްޓި ފަންޑު ފޮއްޓަކަށް ކުޑަކުއްޖަކު ރުފިޔާ ލަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ފައިސާ ގުނިއިރު ބީއެމްއެލް އާއި އޮޑިޓް ފާމުގެ އޮފިޝަލުން ތިއްބެވި. ކޮއިންސްތައް ގުނަން ޖެހެނީ އެމްއެމްއޭ އަށް ފޮނުވައިގެން ކަމަށް ވާތީ އެ ޕްރޮސެސް ވެސް ވަނީ ފަށާފައި. ކޮއިންސްތައް އެމްއެމްއޭ އަށް ގެންގޮސް ފައިސާ އަށް ބަދަލު ކޮށްފައި ޖަމާކުރާނީ،" ޓެލެތޯން އަށް ލިބުނު ފައިސާގެ ކަންކަން ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަކަށް ކަން ފާހަގަ ކުރައްވައި ޒީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޓެލެތޯން ބޭއްވީ އިއްޔެގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށެވެ.

ފަލަސްތީނު ޓެލެތޯންގައި ބެހެއްޓި ފޮށިތަކަށް ޖަމާކުރި ފައިސާ ގުނުމުގެ މަސައްކަތް ރޭ ފަތިހު ކުރަނީ: ފައިސާ ގުނީ އޮޑިޓް ފާމުގެ އޮފިޝަލުންގެ ކުރިމަތީގައި ކަމަށް ޕީއެސްއެމުން ބުނި.
ފަލަސްތީނު ޓެލެތޯންގައި ބެހެއްޓި ފޮށިތަކަށް ޖަމާކުރި ފައިސާ ގުނުމުގެ މަސައްކަތް ރޭ ފަތިހު ކުރަނީ: ފައިސާ ގުނީ އޮޑިޓް ފާމުގެ އޮފިޝަލުންގެ ކުރިމަތީގައި ކަމަށް ޕީއެސްއެމުން ބުނި.

ނަމަވެސް އޮންލައިން ޓްރާންސްފާ ކުރުމުގައި އިއްޔެ ހަވީރު ހައެއްގެ ފަހުން ގިނަ ބަޔަކަށް ދަތިތައް ދިމާވި ކަމަށް ޒީނާ ވިދާޅުވި އެވެ. އެހެންވެ، އޮންލައިން ޓްރާންސްފާ ކުރުމުގެ ފުރުސަތު މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

"ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުން ވެސް ޖަމާކުރުމުގައި އުނދަގޫތަކެއް ހުރުމުން މިއަދު މެންދުރު 12 އާ ހަމައަށް އަޅުގަނޑުމެން ފުރުސަތު ދިނިން. އެ ކަމަކު އެ ކައުންސިލްތަކުން ވެސް ކޮމިޓްމަންޓް ލެޓާ ހޯދިން. ކައުންސިލްތަކާއި ބައެއް ކުންފުނިތަކާ އެކު 22 ފަރާތަކުން ސޮއިކޮށްފައި ކޮމިޓްމަންޓް ލެޓާ ދީފައި އެބަހުރި. އެއީ ވެސް ހަ މިލިއަނެއްހާ ރުފިޔާ،" ޒީނާ ވިދާޅުވި އެވެ.

ޒީނާ ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ޓެލެތޯނެއް ކަމަށާއި އަމިއްލަ އަށް އިސްނަގައިގެން ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ.

ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. ފުރަތަމަ ހަ ގަޑިއިރުގެ ތެރޭގައި ވެސް 1.8 މިލިއަން ރުފިޔާ ލިބުނު ކަމަށް ޕީއެސްއެމުން ކުރިން ބުނެފައިވެ އެވެ.

އެންމެ ބޮޑު އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. އެއީ 2.1 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އެހީއެއް ދިން ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުންނެވެ. އެއީ 500،000ރ. އެވެ.

މި ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރުކޮށްދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށެވެ.

ފަލަސްތީނަށް އެހީވުމަށް ހިންގާ ޓެލެތޯންގައި އިއްޔެގެ އިރުއޮއްސެންދެން 13 ފަންޑުފޮށި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި އެވެ. އޭގެ ބައެއް ފޮށިތަކަށް ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.