ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ވަކިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ނަޝީދުގެ ފެކްޝަންގެ އިސް މެމްބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"ފިިކުރެއްގެ ދިރުން" ގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ، އެކުގައި މަސައްކަތް ކުރަން ފަށަން ޖޭޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.
"ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް، އަޅުގަނޑުގެ އެއްވެސް ސުވާލެއް ނެތް ކުރިއަށް އޮތް މަސް ތެރޭގައި މި ފިކުރެއްގެ ދިރުމުގެ މަސައްކަތުގައި ތިބޭ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ އަދަދު މި އަށް ވުރެ މާ ގިނަ ވެގެންދާނެ. އަދި ޖުމްހޫރީ ޕާޓީގެ އިތުރުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވާނެ ކަމާ މެދު އަޅުގަނޑަށް އެއްވެސް ސުވާލެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީ އާއި ޖޭޕީގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް އެކުލަވާލައިގެން މިހާރު މަސައްކަތް ކުރެވިދާނެ އެވެ.
އޭގެ ޖަވާބުގައި އެ ފިކުރުގެ ޕީޖީ ގުރޫޕްގެ ލީޑަރުކަން ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މާދަމާ ވެސް އެ މަޝްވަރާ ފައްޓަވާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެންނަށް ކޮންޓްރޯލް އޮންނަ މެޖޯރިޓީއެއް އޮންނަ ޕާލަމެންޓަކަށް ވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން،" އާޒިމް ވިދާޅުވި އެވެ.
އެ ބޭފުޅުން އެހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ރޭ ވަނީ ފާސްކޮށްފަ އެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އީވާ ވަނީ ޖޭޕީގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ނަޝީދުގެ ފަޅީގެ ޕީޖީ ގުރޫޕްގައި މިހާރު ތިއްބަވަނީ 12 މެމްބަރުންނެވެ. ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ ތިނެކެވެ.