ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާ ކުރަން ފަށައިފި އެވެ.
އީވާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެމްބަރަކު އެމްޑީޕީން ވަނީ މިއަދު ވަކިވެވަޑައިގެންފަ އެވެ. އެ ބޭފުޅުން ވަކިވެވަޑައިގަތީ އެ ފެކްޝަނަށް ތާއީދު ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެ ޕާޓީން ވަކިކުރުމުންނެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރަމުން އަންނަ ކަން އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު" އަށް މިއަދު ކަށަވަރުކޮށް ދެއްވި އެވެ.
އެނގިފައިވާ ގޮތުގައި އީވާ މިއަދު ޕާޓީން ވަކިވެ ވަޑައިގަތުމުގެ ކުރިން ވެސް ޕީޖީ ގްރޫޕުން އޮތީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކޮށްފަ އެވެ. މިހާރު މަޝްވަރާ ކުރަމުން ދަނީ އެ މައްސަލަ ހުށަހެޅުމާ މެދު އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ މަދުވެގެން 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި އަދިވެސް 50 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވި އެވެ.