ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށާއި ހިންގުމަށް ވެއިތުވެދިޔަ ހަ މަސް ދުވަހު ގެންނެވި ބަދަލުތަކުގެ ސަބަބުން މަޖިލިހުގެ ކަންކަން އޮތީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތަށް ކަމަށް މަޖިލިހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ 18 ވަނަ ދައުރުގައި ކުރި މަސައްކަތާ ގުޅޭ ފޮތެއް ނެރުމަށާއި މަޖިލިހުގެ އާ ވެބްސައިޓް ދައްކައިލުމަށް މަޖިލިސް ކުރާ ގޭގޭގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ބެލެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މެމްބަރުންނާއި މަޖިލިހުގެ މުވައްޒަފުން މަޖިލިހުގެ އިދާރާ އަށް ވަންނަ އިރު، ސްކްރީން ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި މަޖިލިސް ކުރާ މާލަމުގައި ހުންނަ ކޮންގްރެސް ސިސްޓަމަށް ބަދަލުތަކެއް ގެނައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ގާސިމް ވަނީ މަޖިލިހަށް ބަދަލުތައް ގެނައުމުގައި އެތަނުގެ އިސްވެރިން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މަޖިލިހުގެ މުވައްޒަފުންނާއި އެމްއެންޑީއެފާއި ފުލުހުން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަ ކުރައްވައި އެމީހުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވި ގޮތުގައި މެމްބަރުންނާއި މުވައްޒަފުން މަޖިލިހަށް ވަންނަވާ އިރު، ސްކްރީން ކުރެވޭނެ ގޮތް ހެދުމަށްޓަކައި ބޭނުންވާ ބަޖެޓު ދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވައިފަ އެވެ. އަދި މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ގިނަ ދުވަސްތަކަށް ފަހު، ޕްރޮމޯޝަން ލިބިގެން ދިޔައީ ރައީސްގެ އެއްބާރުލެއްވުމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މި ހުރިހާ ބަދަލުތަކެއް ގެނައީ މަޖިލިސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތް ހަމަޖައްސައި ދިނުމުގެ ބޭނުމުގަ އެވެ. ގާނޫނުއަސާސީގައި މަޖިލިހަކީ ހާމަކަން ބޮޑު ތަނެއްގެ ގޮތުގައި އޮތުމަށް ބާރު އަޅާ ކަން ވެސް ގާސިމް ފާހަގަ ކުރެއްވި އެވެ.
"އެކަން ފުރިހަމަ ވެގެން ދާތީ އަޅުގަނޑަށް ވަރަށް އުފާ ކުރަން،" ގާސިމް ވިދާޅުވި އެވެ.
ފޮތުގައި މިދިޔަ ދައުރުގެ މަސައްކަތްތައް ހިމެނޭ
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި މި ފޮތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މަޖިލިހުގެ ހުރިހާ ސެކްޝަނަކުން މަސައްކަތްކޮށްގެން ތައްޔާރު ކުރި ފޮތެކެވެ. މި ފޮތުގައި ބޮޑަށް މަސައްކަތް ކުރީ 18 ވަނަ މަޖިލިހުގައި ކުރި މަސައްކަތްތައް ހިމަނަން ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ގާސިމްގެ ލަފަ އާއި އިރުޝާދުގެ މަތިން އެކުލަވައިލި މި ފޮތުގައި ބިލްތަކާއި ގަރާރުތަކާއި ފާސް ނުކުރާ ބިލްތަކާއި ފޮޓޯތަކާއި އެހެން ބައްދަލުވުންތައް ހިމަނާފައިވެ އެވެ. އަދި މަޖިލިހުގެ އިދާރާ އަށް ގެނައި ބަދަލުތަކުގެ މައުލޫމާތުތައް ފޮތުގައި ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި 19 މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެކި ޕާޓީތަކުގެ ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މި ފޮތް ނެރެ ދެއްވީ ވެސް ގާސިމެވެ.
މަޖިލިހުގެ އާ ވެބްސައިޓުގައި އާ ފީޗަތަކެއް ހިމެނޭ
މަޖިލިހުގެ ވެބްސައިޓަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މަޖިލިހުގެ ޖަލްސާތައް ލައިވްސްޓްރީމްކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ކޮމިޓީތަކުގައި ހިނގާ ކަންތައްތަކުގެ އޯޑިއޯ ލައިވްކޮށް، މަޖިލިހުގެ ވެބްސައިޓުން އިވިގެން ދާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ކޮމިޓީތައް ލައިވްކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް ހެދުމަކީ ވެސް އަމާޒެކެވެ. އެގޮތުން ވީޑިއޯ ސިސްޓަމްތައް ކޮމިޓީތަކުގައި ހަރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވީ އާ ވެބްސައިޓުގައި ކޮންމެ މެމްބަރަކަށް ޕްރޮފައިލް ޕޭޖެއް ހަދާފައި ވާނެ ކަމަށެވެ. އެ ޕޭޖް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.