ނައިޓް މާކެޓަށް ފަހު ކުނިން ފުރިފައި އޮތް ރަސްފަންނު ސަރަހައްދު މާލެ ސިޓީ ކައުންސިލުން މިއަދު ސާފުކޮށްފި އެވެ.
ރަސްފަންނުގައި އޮތް ނައިޓް މާކެޓް ބޮޑު ކޯޅުންގަނޑަކަށް ފަހު ނިންމާލީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ނައިޓް މާކެޓު ނިމުނު ފަހުން، ތިން ދުވަސްވީ އިރު ވެސް އެ ސަރަހައްދު އޮތީ ކުނިން ފުރިފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް ގިނަވި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ނައިޓް މާކެޓް އިންތިޒާމުކުރި ފަރާތަށް ރަސްފަންނު ސަރަހައްދު ސާފުކުރަން އެންގުމުން ވެސް އެކަން ކޮށްފައި ނުވާތީ، އާންމުންނަށް ދިމާވާ އުނދަގޫތައް ބޮޑުވުމުން، ކައުންސިލްގެ މުވައްޒަފުން ފޮނުވައިގެން މިހާރު އެތަން ސާފުކޮށްފައިވާ ކަމަށެވެ.
"ސިޓީ ނައިޓް" މާކެޓްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް އިންތިޒާމުކުރަން ހަވާލުކުރީ އެކޫޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.
ކައުންސިލުން ބުނީ ނައިޓް މާކެޓް ބާއްވަން ހަވާލުކުރި ފަރާތުން އެތަން ސާފުކުރަން މިއަދު މެންދުރު ފަހު 1:30 އާ ހަމަ އަށް ވަގުތު ދިން ކަމަށެވެ. އެކަމަކު އެ ވަގުތު ހަމަވިއިރު ވެސް ސާފުކޮށްފައި ނުވާތީ އެކަން ކުށްވެރި ކުރި އެވެ.
"ސިޓީ ކައުންސިލުން ކުރިއަށް އޮތް ތަނުގައި ނައިޓް މާކެޓް ފަދަ އިވެންޓްތައް ބޭއްވުމަށް ހުއްދަ ދޭނީ އުސޫލުތައް ހަރުދަނާކޮށް، މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަމުގައި ދަންނަވަން،" ސިޓީ ކައުންސިލުން ބުންޏެވެ.
މި ނައިޓް މާކެޓް ދެ ފަހަރެއްގެ މަތިން އެޗްޕީއޭއިން ހުއްޓުވި އެވެ.
އެންމެ ފުރަތަމަ ހުއްޓުވީ ކޮވިޑް ކޭސްތައް މައްޗަށް ދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. އެކަމަކު ނައިޓް މާކެޓަށް ހާއްސަކޮށް ގިނަ އަދަދެއްގެ މުދާ ގެނެސްފައި ވަނިކޮށް ހުއްޓުވުމަކީ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް އެޗްޕީއޭ އިން އަލުން ހުއްދަ ދިނީ އެ އިދާރާގެ ގައިޑްލައިނަކާ އެއްގޮތަށް ކުރިއަށް ގެންދާށެވެ.
އެކަމަކު އެ ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް، ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް ބުނެ ނައިޓް މާކެޓް ހުއްޓުވި އެވެ. ނައިޓް މާކެޓް ހުއްޓާލަން އެންގުމުން އެތަނުގެ ވިޔަފާރިވެރިން ނުކުމެ، މުޒާހަރާ ވެސް ކުރި އެވެ.