ރަސްފަންނުގައި އޮތް ނައިޓް މާކެޓް ބޮޑު ކޯޅުންގަނޑަކަށް ފަހު ނިންމާލީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ؛ އެ ނައިޓް މާކެޓު ނިމުނު ފަހުން، ތިން ދުވަސްވީ އިރު އެ ސަރަހައްދު ވަނީ ގޮނޑުވެފަ އެވެ.
ސްޓޯލުތައް ބަހައްޓަން ޖެހި ޓެންޓުތަކާއި ބޭނުންކުރި ޕެލެޓުތައް ވެސް ހުރީ އެކި ދިމާތަކަށް ފުންޏަކަށް ޖަހައިފަ އެވެ. އަދި ބައެއް ސްޓޯލުތަކުގެ ހުރި މުދާތައް ވެސް އެކި ތަންތަނަށް ހުރީ އުކާލައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ ރަސްފަންނު ސަރަހައްދު ސާފުކުރުމަށް، ނައިޓް މާކެޓް ބާއްވަން ހަވާލުކުރި ފަރާތަށް މިހާރު ނޯޓިސް ފޮނުވާފައި ވާނެ ކަމަށާއި މިއަދު މެންދުރު ފަހު 1:30 އާ ހަމަ އަށް އެކަން ކުރަން އަންގާފައިވާނެ ކަމަށެވެ.
"އެތަން އޯގަނައިޒްކުރި ފަރާތުން ފޯނު ނުނަގާތީ އެ ބޭފުޅުންގެ އެއްޗެއް އެތާ ހުންނާނެތޯ ބަލާފައި ނޫނީ ކައުންސިލްގެ ޓީމު އެކޮޅަށް ނުފޮނުވާ ވަނީ،" އޭނާ ވިދާޅުވި އެވެ.
"ނޯޓިސް ދީފައިވާ ގަޑިއަށް ނުނަގައިފި ނަމަ ކައުންސިލުން އެތަން ސާފުކުރާނެ."
އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ރަސްފަންނުގައި ސިޓީ ކައުންސިލުން ބޭއްވި މި ނައިޓް މާކެޓް ދެ ފަހަރެއްގެ މަތިން އެޗްޕީއޭ އިން ހުއްޓުވި އެވެ.
އެންމެ ފުރަތަމަ ހުއްޓުވީ ކޮވިޑް ކޭސްތައް މައްޗަށް ދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ އެވެ. އެކަމަކު ނައިޓް މާކެޓަށް ހާއްސަކޮށް ގިނަ އަދަދެއްގެ މުދާ ގެނެސްފައި ވަނިކޮށް ހުއްޓުވުމަކީ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް އެޗްޕީއޭ އިން އަލުން ހުއްދަ ދިނީ އެ އިދާރާގެ ގައިޑްލައިނަކާ އެއްގޮތަށް ކުރިއަށް ގެންދާށެވެ.
އެކަމަކު އެ ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް، ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް ބުނެ ނައިޓް މާކެޓް ހުއްޓުވި އެވެ. ނައިޓް މާކެޓް ހުއްޓާލަން އެންގުމުން އެތަނުގެ ވިޔަފާރިވެރިން ނުކުމެ، މުޒާހަރާ ވެސް ކުރި އެވެ.
ރަސްފަންނު ސަރަހައްދު ގޮނޑުކޮށް އޮތްއިރު، ކޮވިޑްގެ ކޭސްތައް ގިނަވުމާ ގުޅިގެން ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރު ހެދުމަށް ވަނީ ސޯޝަލް ސެންޓަރު ސަރަހައްދުގައި މި ކުނިތަކުގެ ތެރޭގައި ދިގު ކިއުއެއް ދަމާލައިފަ އެވެ.