ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ކެފޭއެއްގެ ތެރޭގައި ހަމަލާ ދިނުމުގެ ކުރިން ފޯނުން ރުޅިވެރިކަމާ އެކު ވާހަކަ ދެއްކި ކަމަށާއި އެ ކޯލްގައި ޒަރީރު ނިސްބަތްކުރި ނަމަކީ ހަމަލާ ދިން ކަމުގެ ތުހުމަތުވާ އިބްރާހިމް އަބްދުﷲގެ ވަނަން ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ގައްބަރޭގެ ގޮތުގައި ގިނަ ބަޔަކު ދަންނަ އިބްރާހިމް އަބްދުﷲ، މެންބަރު ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައެއްގެ ތަހުގީގުގައި ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. އެކަމަކު އެ ނިންމުން ގޯސް ކަމަށް ހައި ކޯޓުން ނިންމުމުން ގައްބަރޭ އަލުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ގައްބަރޭގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި އަމަން ނަގާލުން ހިމެނެ އެވެ.

ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ފުލުހުން ހުށަހަޅާފައިވާ ސީސީޓީވީ ސްނެޕްޝޮޓްތަކުން، ހާދިސާ ހިނގި ހަބީބީ ކެފޭއަށް ގައްބަރޭ ވަންނަ ކަމަށް ބެލެވެ އެވެ. އެކަމުގައި ތުުހުމަތުވާ އެހެން މީހުންނާ އެކު އެހެން ސަަހައްދުތަކުން އޭނާ ސައިކަލުގައި އުޅޭތަން ވެސް ފެންނަ ކަމަށް ވަނީ ބުނެފަ އެވެ.

ޒަރީރަށް ހަމަލާދިނުމުގެ ކުޑައިރުކޮޅެއް ކުރިން ޒަރީރު ފޯނުން މީހަކާ ވާހަކަ ދެއްކެވި ކަމަށާއި އެ މީހުންގެ މެދުގައި ރުޅިވެރިކަމެއް އުފެދިގެން އުޅުނު ކަމަށް، އަދި ޒަރީރު ވާހަކަ ދެއްކެވި ފަރާތަށް ނިސްބަތްކުރި ވަނަމަކީ ތުހުމަތުވާ މީހާގެ ވަނަން ކަމަށް ބަޔާންތަކުން އެނގޭ ކަމަށް ވެސް އަމުރުގައިވެ އެވެ.

އަމުރުގައިވާ ގޮތުން، ހާދިސާ ހިނގިތަނުން ވެސް އޭނާ ވަނީ އައިޑެންޓިފައި ކުރެވިފައި ކަމަށް ބަޔާން ލިބިފައިވެ އެވެ.

އެހެންވެ ގާޒީ ނިންމަވާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ގައްބަރޭ ބަންދުގައި ބެހެއްޓުމަށެވެ.

ގައްބަރޭ ބަންދުން ދޫކޮށްލި އަމުރުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔަ އިރު ފުލުހުން ބުނި ގޮތުގައި ޒަރީރު ވަނީ ގައްބަރޭއާ ދެކޮޅަށް ދެއްވި ބަޔާން ފަހުން ބަދަލުކުރައްވައިފަ އެވެ. ހައި ކޯޓުގައި ފުލުހުން ބުނީ ހަމަލާދިނީ ގައްބަރޭ ކަމަށް ވިދާޅުވެ ޒަރީރު ބަޔާން ދެއްވުމަށްފަހު ފަހުން ދެއްވި ބަޔާނުގައި، އެއީ ގައްބަރޭ ކަން ޔަގީން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބަޔާން ބަދަލުކުރީ އެކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.

"ފަހުން ބުނީ ކަށަވަރުނުވާ ކަމަށް، ފުރަތަމަ ބުނީ ކަށަވަރުވާ ކަމަށް." ތަހުގީގުކުރާ ފުލުސް އޮފިސަރު ކޯޓުގައި ބުނެފައިވެ އެވެ.

ބަޔާން ބަދަލުކުރި ސަބަބާ ބެހޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވުމުން ފުލުހުން ބުނީ އެކަމުގެ ނުރައްކާތެރިކަމުން އޭގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް ޒަރީރު ވިދާޅުވި ކަމަށެވެ.