ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތުވާ އަބްދުﷲ އިބްރާހިމް (ގައްބަރޭ) އަލުން ހައްޔަރުކޮށްފި އެވެ.
ކެފޭއެއްގެ ތެރޭގައި މެމްބަރު ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ގައްބަރޭ އާއި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައި ވަނިކޮށް އެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގައްބަރޭ އާއި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކުރާ ކަމަށް ހުކުމުގައި ވެ އެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލާގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދިން ނަމަވެސް، ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ގައްބަރޭ ހިމެނޭ ކަން އެނގިފައި ވެ އެވެ.
ފުލުހުން ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި ގައްބަރޭއާ ދެކޮޅަށް ޒަރީރު ބަޔާން ދެއްވުމަށްފަހު ފަހުން ވަނީ ހަމަލާދިނީ ގައްބަރޭ ކަން ޔަގީންނުވާ ކަމަށް ތަހުގީގަށް ބަޔާން ދެއްވައިފަ އެވެ.