މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތަށް ދެ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޒަރީރަށް ހަމަލާ ދިން މައްސަލާގައި ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ދެ ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނެކެވެ. އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކައިރީގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯގައި މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ފަތިހު އިންނަވަނިކޮށެވެ. އެ ހަމަލާގައި ބޮލަށް ލިބުނު ޒަހަމްތަކަށް ޒަރީރު ފަރުވާ ހޯއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަސް ވަރަކަށް މީހުން ގޮސް މަރުތޭލަކުން އޭނާ ގައިގައި ތަޅައި އަނިޔާ ކުރި އެވެ.

އެ މީހުން ހަމަލާ ދިން ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.