ހައުސިން މިނިސްޓްރީގެ އެއްބާރުލުން ނުލިބުމުން، މި އަހަރުގެ ނައިޓް މާކެޓް ނުބާއްވާ ގޮތަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ނިންމައިފި އެވެ.
އެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ މާލޭގެ ސިނާއީ ސަރަހައްދުގައި ނޮވެމްބަރު މަހު ބާއްވަން ނިންމި ނައިޓް މާކެޓަށް ހައުސިން މިނިސްޓްރީން ހުއްދަ ދިން ނަމަވެސް އެކަމާ ގުޅޭ އިތުރު މަސައްކަތްތަކުގައި އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭ ކަމަށެވެ.
އާސިފް ފާހަގަކުރެއްވި ގޮތުގައި ނައިޓް މާކެޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މިނިސްޓްރީން ކަނޑައެޅި އޮފިޝަލް ވެސް މިހާރު ހުންނެވީ ޗުއްޓީގަ އެވެ. އަދި އޭނާގެ ބަދަލުގައި ދެން ހުންނެވި އޮފިޝަލަށް ނައިޓް މާކެޓް ހިނގާ ގޮތާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އާސިފް ވިދާޅުވި އެވެ.
"ބިން ހަމަޖައްސައި މިނިސްޓްރީން ހުއްދަ ދިން. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގޭ އެކަން ކުރަންވީ ކިހާ ސަރަހައްދެއްގައި ކަމެއް. އަދި އެކަމުގެ އެއްވެސް އިންތިޒާމެއް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ހަމަޖެހިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވި ގޮތުގައި ނައިޓް މާކެޓާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ހައުސިން މިނިސްޓްރީއަށް ގުޅައި، ފޯނަށް އެސްއެމްއެސް ކުރުމުން ވެސް ޖަވާބެއް ނުލިބެ އެވެ. އަދި ވިދާޅުވީ ހައުސިން މިނިސްޓްރީން ބިން ދޫކުރި ނަމަވެސް މި މަސް ނިމުމުން އެކަމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަމަށެވެ. އެކަމަކު އެއްބަސްވުމުގައި އޮތް އެއްޗެއް ނޭނގި، ގިނަ ދުވަސްތަކެއް ވަންދެން މަޑުނުކުރެވޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމަށް މި އަހަރު ހުޅުވާލުމުން މޭޒު ހޯދުމަށް 800 އަށް ވުރެ ގިނަ މީހުން ވަނީ ނަން ނޯޓުކޮށްފަ އެވެ. މޭޒެއް ވިއްކުމަށް ހަމަޖެއްސީ 5،750 ރުފިޔާ އަށެވެ.
އާސިފް ވިދާޅުވީ އެއްވެސް މީހެއްގެ އަތުން އަދި ފައިސާއެއް ނުނަގާ ކަމަށާއި އެހެންވެ، ނައިޓް މާކެޓް ކެންސަލް ކުރުމުން ގެއްލުމެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބިރުގަނޭ މީހުންގެ އަތުން ފައިސާ ނަގާ ފަހުން ކެންސަލް ކުރަން ޖެހިދާނެތީ. އޭރުން އަޅުގަނޑުމެންނަކަށް ރިފަންޑެއް ވެސް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ނައިޓް މާކެޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ "ސޭލް" އެކެވެ. މީގެ ކުރިން މި މާކެޓް ބާއްވަމުން އައީ ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގަ އެވެ.