ވޮޝިންޓަން (ޖެނުއަރީ 22) - ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ޕްރައިމަރީ އަށް ނުކުމެވަޑައިގެންފައިވާ ބާނީ ސެންޑާސް އަށް ބަހުގެ ހަމަލާތައް ދެއްވައި، އެއީ އެއްވެސް މީހަކު "ގަޔާވާނެ" ކެންޑިޑޭޓެއް ނޫން ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޕްރައިމަރީގައި ހިލަރީއާ ވާދަކުރެއްވި ސެންޑާސް، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވަން ނުކުމެވަޑައިގެންފި ނަމަ ސެންޑާސް އެންޑޯޒް ކުރުމާ މެދު ހިލަރީ ވަކިއެއްޗެއް ވިދާޅެއް ނުވެ އެވެ.

އަލަށް ނެރޭ ޑޮކިއުމެންޓަރީއެއްގައި ހިލަރީ ވިދާޅުވީ ސޭންޑާސް އަކީ އެއްވެސް މީހަކު ގަޔާވާ މީހެއް ނޫން ކަމަށެވެ. އަދި ސެންޑާސްއާ އެކު މަސައްކަތް ކުރަން އެއްވެސް މީހަކު ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވާމަންޓުގެ ސެނެޓާ ސެންޑާސްގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ރޭހުގެ ކުރީގައި އުޅުއްވަނީ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން އާއި މެސެޗޫސެޓްސްގެ ސެނެޓާ އެލިޒަބަތު ވޮރެން އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޕްރައިމަރީގައި ސެންޑާސް، 78، އާ ވާދަކުރައްވައިި ހިލަރީ، 72، ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކާމިޔާބު ހޯދޭ ގޮތެއް ނުވި އެވެ. ރިޔާސީ އިންތިޚާބުގައި ސެންޑާސްއާ އޭނާގެ ސަޕޯޓަރުންގެ ތާއީދު އެކަށީގެންވާ ގޮތެއްގައި ލިބިފައި ނުވާކަމުގެ ތުހުމަތު ހިލަރީ ކުރައްވާފައިވެ އެވެ.