ވޮޝިންޓަން (ޖެނުއަރީ 15) - އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އަންހެނަކަށް ކާމިޔާބު ނުވާނެ ކަމަށް އެކަމަނާ އަރިހު ޑިމޮކްރެޓިކް ކެންޑިޑޭޓް ބާނީ ސެންޑާސް ވިދާޅުވި ކަމަށް އެލިޒަބަތު ވޮރެން ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާ ހަ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސްގައި ވެސް އެ މައްސަލަ ވަނީ ހޫނުވެފަ އެވެ.
ވޮރެން ވިދާޅުވީ ސެންޑާސް އެގޮތަށް ވިދާޅުވެފައި ވަނީ އެކަމަނާ އެކު 2018 ވަނަ އަހަރު ސެންޑާސް ބޭއްވި ދެގަޑިއިރުގެ ނުރަސްމީ ބައްދަލުވުމެއްގައި ކަމަށެވެ. ނަމަވެސް ސެންޑާސް ވަނީ އެ ވާހަކަ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި އަންހެނަކަށް ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރެވޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
ބަހުސްގައި ވެސް ސެންޑާސް އަށް އެ ސުވާލު ކުރުމުން އެކަން ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އޭނާ އަކީ މާކުރިންސުރެ ވެސް އަންހެން ރައީސަކަށް ތާއީދުކުރާ މީހެއް ކަމަށެވެ.
އެކަމަކު ވޮރެން ވިދާޅުވީ ސެންޑާސް އިތުރުފުޅު ހައްދަވަނީ ކަމަށެވެ. ވޮރެން ދެން އިޝާރާތް ކުރެއްވީ އެކަމަނާއި ސްޓޭޖުގައި ދެން ހުންނެވި އަންހެން ކެންޑިޑޭޓް އަމީ ކްލޮބުޗާގެ ސިޔާސީ ކާމިޔާބީއަށެވެ. ވޮރެން ވިދާޅުވީ އެ ދެ މީހުން ވާދަކުރި ކޮންމެ އިންތިޚާބެއް ކާމިޔާބުކޮށްފާވާނެ ކަމަށެވެ. އޭގެ ބަދަލުގައި ސްޓޭޖުގައި ތިއްބެވި ފިރިހެން ތިން ކެންޑިޑޭޓަކު 10 އިންތިޚާބުން ބަލިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ބަހުސް އަށް ފަހު ވެސް ސެންޑާސް އާއި ވޮރެންގެ މެދުގައި ހޫނު ޒުވާބެއް ހިނގި އެވެ. އަދި ސަލާމް ކުރުމަށް ސެންޑާސް އަތް ދިއްކޮށްލެއްވި ނަމަވެސް ވޮރެން ސަލާމް ކުރައްވައިފައެއް ނުވެ އެވެ.