ކިޑްނީ ފެއިލްވެ ޑަޔަލިސިސް ހަދަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ، ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު މިއަދު ޑައިލިސިސް ނިންމި ފަހުން، ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ސާއިދުގެ ގާތް މީހަކު "މިހާރު" އަށް ބުނީ، ޕީއެސްއެމްގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ މިއަދު ވެސް ހޮސްޕިޓަލަށް ދިޔައީ ޑަޔަލިސިސް ހަދަން ކަމަށެވެ. ހާލު ސީރިއަސްވީ މިއަދު ހެނދުނު ޑައިލިސިސް ނިންމި ފަހުން ކަމަށާއި އޭގެ ފަހުން ހެދި ޓެސްޓުތަކުން އެއީ ސްޓްރޯކެއްކަން އެނގިފައިވާ ކަމަށް ބުންޏެވެ.

އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. 

"ހާލު ވަރަށް ސީރިއަސް،" ނަން ނުޖެހުމަށް އެދި ވާހަކަދެއްކި މީހާ ބުންޏެވެ. 

ޕީއެސްއެމްގެ ސްޕޯޓްސް ޑެސްކުގެ އެޑިޓަރު، ސާއިދު ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މީގެ އަށެއްކަ އަހަރު ކުރިންނެވެ. އޭރުއްސުރެ އޭނާ ދިޔައީ ގަވައިދުން ޑައިލިސިސް ހަދަމުންނެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ދެ ތިން ފަހަރަކު ރާއްޖެއިން ބޭރަށް ވެސް ދިޔަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި، ވަކި ހިސާބަކުން ފަރުވާ ފުރިހަމަ ނުކުރެވި، ރާއްޖެ އަންނަން ޖެހެނީ އެވެ. 

އެނގިފައިވާ ގޮތުގައި ސާއިދަށް ސްޓްރޯކް ޖެހުނީ، ކިޑްނީ ބަދަލުކުރަން ހުރިހާ ކަމެއް ހަމަޖެހި، މި ހަފުތާގައި ބޭރަށް ފުރަން ތައްޔާރުވެފައި ހުއްޓަ އެވެ.

އާންމުކޮށް ޑައިލިސިސް ހަދާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު، އާންމު އެހެން މީހުންނާ އަޅާބަލާއިރު ބޮޑު ކަމަށް ހިސާބުތަކުން ދައްކަ އެވެ.