ސްޓްރޯކެއް ޖެހިގެން ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި މަޝްހޫރު ފިލްމު ޑައިރެކްޓަރު އަހުމަދު ނިމާލް މިއަދު އައިޖީއެމްއެޗަށް ބަދަލުކޮށްފި އެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 62 އަހަރުގެ ނިމާލް އައިޖީއެމްއެޗަށް ބަދަލުކުރި ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ.

"ރޭ އޭޑީކޭ އަށް ގެންދިޔަ ގޮތަށް އިތުރު ބަދަލެއް އަދި ނާދޭ،" އޭނާ ބުންޏެވެ.

ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ރޭ ސައިކަލު ދުއްވާފައި ދަނިކޮށެވެ. ސްޓްރޯކް ޖެހުމާ އެކު ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުނީ އެވެ.

ފިލްމު ޑައިރެކްޓު ކުރަން ފެށުމުގެ ކުރިން، އެކްޓަރެއްގެ ގޮތުގައި 1984 ވަނަ އަހަރު ނިމާލް ފިލްމީ ދާއިރާއެއް ނުކުމެފައިވަނީ އީސާ ޝަރީފްގެ "ނުފޫޒު" ފިލްމުންނެވެ.

އޭގެ ފަހުން، 1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ"އަކީ ދިވެހި ތާރީހުގައި ދިވެހިންގެ މަގުބޫލުކަން ހޯދި އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ނިމާލް ޑައިރެކްޓުކުރި އަދި އިސް ރޯލެއް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ ފިލްމްތައް ހިމެނެ އެވެ.

ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.