ސްޓްރޯކް ޖެހިގެން ހަތަރު އަހަރުގެ ތެރޭގައި 500 އެއްހާ މީހުން މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އެ ހޮސްޕިޓަލުން ދިން ޖަވާބުގައި ބުނީ 2022 ވަނަ އަހަރުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރި ހިސާބުތަކަށް ބަލާއިރު، ސްޓްރޯކް ޖެހިގެން އެޑްމިޓް ކޮށްގެން ހެދި ޓެސްޓުތަކުން 1،849 އަދި އޯޕީޑީގައި ހެދި ޓެސްޓުތަކުން 2،784 މީހުން ސްޓްރޯކަށް ދެނެގަނެފައިވާ ކަމަށެވެ. އެއީ 4،633 މީހުންނެވެ.

އެ މައުލޫމާތުތައް ދައްކާގޮތުން، އެޑްމިޓް ކޮށްގެން ބަލި ދެނެގަނެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 67 އަހަރުގެ މީހުންނެވެ. އެ އުމުރުގެ 63 މީހަކު ވަނީ، އެޑްމިޓް ކޮށްގެން ހެދި ޓެސްޓުތަކުން ސްޓްރޯކަށް އެ މުއްދަތުގައި ތެރޭގައި ޑައިގްނޯސް ކޮށްފައި ވެ އެވެ. އޭގައި ވެސް އެންމެ ގިނައިން ފަރުވާ ދީފައިވަނީ މި އަހަރެވެ. އެއީ 13 އަންހެނުންނާއި 12 ފިރިހެނަކަށެވެ.

އެޑްމިޓްނުކޮށް ހެދި ޓެސްޓުތަކުން ސްޓްރޯކު ދެނެގަނެވުނު މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ އުމުރުން 62 އަހަރުގެ މީހުންނެވެ. މި އަހަރުގެ ތެރޭގައި 105 އަންހެނުންނާއި 58 ފިރިހެނަކު ބަލި ދެނެގަނެވިފައިވެ އެވެ.

އިންޕޭޝަންޓުންގެ ތެރޭގައި އެންމެ ހަގު ކުއްޖާއަކީ އުމުރުން އެއް ދުވަސްވީ ތުއްތު ފިރިހެން ކުއްޖެކެވެ. އެންމެ ދުވަސްވީ 99 އަހަރުގެ ފިރިހެނެކެވެ.

އެޑްމިޓު ކޮށްގެން ބަލި ދެނެގަނެވުނު އެންމެ ކުޑައީ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެ އުމުރުގެ ކުއްޖަކު 2022 އަދި މި އަހަރު ވެސް ސްޓްރޯކަށް ދެނެގަނެފައިވެ އެވެ. އެގޮތަށް ބަލި ދެނެގަނެވުނު އެންމެ ދޮށީ 96 އަހަރުގެ މީހެކެވެ.

އެ މައުލޫމާތުތައް ދައްކާގޮތުން، 2022 ވަނަ އަހަރުން ފެށިގެން މި މަހުގެ 15 އާ ހަމައަށް ސްޓްރޯކުގައި 493 މީހުން ވަނީ މަރުވެފަ އެވެ. އެއީ 197 އަންހެނުންނާއި 296 ފިރިހެނުންނެވެ.

އެ ބަލީގައި ފަރުވާ ދެމުންދަނިކޮށް މަރުވި އެންމެ ކުޑައީ 18 އަހަރުގެ އަންހެނެކެވެ. އެ އުމުރުގެ ދެ މީހުން ވަނީ 2023 ވަނަ އަހަރު ސްޓްރޯކް ޖެހިގެން މަރުވެފަ އެވެ.

މި ހަތަރު އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު 151 މީހުން ވަނީ ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗުގައި މަރުވެފަ އެވެ.