ބޮލީވުޑްގައި މަސައްކަތްކުރާ މީހުންގެ ދަރިންނަކީ މިހާރު އިންޓަނެޓުގައި ވަރަށް މަޝްހޫރު ބައެކެވެ. އޭގެ ތެރެއިން މިތުން ޗަކްރަބަތީގެ ދަރިއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ދިޝާނީ ޗަކްރަބަތީގެ ވާހަކަ ވަރަށް ތަފާތެވެ. އޭނާ އަކީ މިތުންގެ އުފަން ދަރިއެއް ނޫނެވެ. އެއީ ގޮނޑަކަށް އެއްލާލާފައި އޮއްވައި ސަލާމަތްކުރި ކުއްޖެކެވެ.

ދިޝާނީއާ މިތުން ހަވާލުވެފައި ވަނީ އެހެން ބަޔަކު ދިޝާ ގޮނޑުން ހޮވައިގެން އުޅެނިކޮށެވެ.

ބެންގާލީ ނޫހެއްގައި ބުނެފައިވާ ގޮތުން، މި ކުއްޖާއާ މިތުން ހަވާލުވީ ބަޔަކު އެ ކުއްޖާ ހޮވައިގެން ގެންގުޅޭ ވާހަކަ ނޫހެއްގައި ޖަހާފައި އޮއްވައި ފެނިގެންނެވެ. އަދި މިތުން އެ ކުއްޖާ އެޑޮޕްޓްކުރީ އެވެ.

ދިޝާނީއަށް މިތުންގެ ލޯބި ވަރަށް ބޮޑަށް ލިބޭ
ދިޝާނީއަށް މިތުންގެ ލޯބި ވަރަށް ބޮޑަށް ލިބޭ

އެޑޮޕްޓް ކުރުމަށް ފަހު މިތުން މި ކުއްޖާއަށް ދިން ނަމަކީ ދިޝާނީ އެވެ. އުފަން މަންމަ އާއި ބައްޕަ ކައިރީގައި ނެތް ނަމަވެސް ދިޝާނީއަށް އެކަން އިހްސާސް ނުވާ ވަރަށް ލޯބި ލިބުނެވެ. ދިޝާނީ ވެސް ވީ މިތުންގެ ގޭގައި އުޅެ ބޮޑުވި "ދަރިއަކަށެވެ." ކަން ދިމާކުރި ގޮތުން ދެން ތިބީ ހައްތަހާ ވެސް ފިރިހެން ކުދިންނެވެ. އެހެންވެ ބައްޕަ އާއި ތިން ބޭބެއިންގެ ލޯތްބާއި އޯގާތެރިކަން ދިޝާނީ އަށް އެންމެ ކުޑައިރުއްސުރެ ވަރަށް ބޮޑަށް ލިބުނެވެ.

މިތުންގެ އަންހެނުން ޔޮގީތާ ބާލީ އާއި ތިން ފިރިހެން ދަރިން އަދި ދިޝާނީ
މިތުންގެ އަންހެނުން ޔޮގީތާ ބާލީ އާއި ތިން ފިރިހެން ދަރިން އަދި ދިޝާނީ

ފިލްމީ އާއިލާއެއްގައި އުޅެ ބޮޑުވުމުގެ ސަބަބުން ދިޝާނީ ވެސް ފިލްމީ ދުނިޔެއާ ވަރަށް ގުޅުން އޮވެ އެވެ. އޭނާއަކީ ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެކެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ދިޝާނީ މިހާރު ދަނީ ނިއު ޔޯކް ފިލްމް އެކަޑަމީގައި އެކްޓިން ކޯހެއް ފުރިހަމަ ކުރަމުންނެވެ. މިތުންގެ ދަރިފުޅަށް ވާތީ ބޮލީވުޑުން އޭނާއަށް ވެސް ޖާގަ ލިބޭނެކަން ޔަގީނެވެ.