އެޑޮޕްޓްކޮށްގެންނާއި ސަރޮގޭޓްކޮށްގެން ދަރިން ހޯދުން ބޮލީވުޑްގައި އާންމުވެފައިވާ އިރު، މަޝްހޫރު ޓީވީ ބަތަލާ އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް މިހާރު ފެންނަ ސާކްޝީ ތަންވަރު ވެސް ކުއްޖަކު އެޑޮޕްޓްކޮށްފި އެވެ.
އަދި ކައިވެންޏެއް ކޮށްފައި ނުވާ 45 އަހަރުގެ ބަތަލާ އެޑޮޕްޓްކުރީ 9 މަހުގެ އަންހެން ކުއްޖެކެވެ. ދިތިޔާގެ ނަން ދީފައިވާ ކުއްޖާއާ ބެހޭ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ ހަޔާތަށް ލޯބިލޯބި ކުއްޖަކު އިތުރުވުމުން ސާކްޝީ ބުނީ މިއީ އޭނާގެ ދުއާތަކުގެ ނަތީޖާ ކަމަށެވެ.
"އަދި މިއީ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާ އެކު ހާސިލު ކުރެވުނު އުފަލެއް،" ކަހާނީ ގަރް ގަރް ކީ އާއި ބަޅޭ އައްޗޭ ލަގްތޭ ހޭ ފަދަ ސިލްސިލާތައް ކުޅެފައިވާ ސާކްޝީ ބުންޏެވެ. "ދަރިއަކު ލިބުނީމަ ވަރަށް އުފާވެއްޖެ."
އޭނާ ބުނި ގޮތުގައި ދިތިޔާ، އާއިލާ އަށް އިތުރުވުމާ އެކު ގޭތެރެ އަށް ވަނީ ބުނަން ނޭނގޭ ކަހަލަ އުފާވެރި ކަމެއް ވެރިވެފަ އެވެ. އަދި މަޔަކަށްވެވުނީތީ ވަރަށް ވެސް އުފަލުން ހުރި ކަމަށް ސާކްޝީ ބުންޏެވެ.
ދެހާސް ސޯޅައިގައި ރިލީޒް ކުރި އާމިރު ހާންގެ "ޑަންގަލް" ގައި އޭނާގެ އަންހެނުންގެ ރޯލް ކުޅެފައިވާ ސާކްޝީގެ ކުރިއަށް އޮތް ފިލްމަކީ ސަނީ ޑިއޯލްއާ އެކު ކުޅެފައިވާ "މޮހައްލާ އައްސީ" އެވެ. މި ފިލްމު އަންނަ މަހުގެ 16 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ކާމިޔާބު އެތައް ޓީވީ ސިލްސިލާއެއް ކުޅެފައިވާ ސާކްޝީ އެންމެ ފަހުން ފެނިފައި ވަނީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީގެ ވެބް ސީރީޒް "ކަރްލޭ ތޫ ބީ މުހައްބަތު" އިންނެވެ.