"ގޯލްމާލް" ސިލްސިލާގެ ފިލްމުތަކާއި "ޗެންނައި އެކްސްޕްރެސް" އަދި "ދިލްވާލޭ" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީ އަކީ ހިތްހެޔޮކަމާއި ދީލަތިކަމަށް ބޮލީވުޑްގައި ނަން މަޝްހޫރު މީހެކެވެ.
އެގޮތުން ރޯހިތު ދާދިފަހުން ވަނީ ކެންސަރު ބަލި ޖެހިފައިވާ 10 ކުދިން އެޑޮޕްޓްކޮށްފަ އެވެ. އަދި މި ކުދިންގެ ހުރިހާ ޚަރަދެއް މިއަދުން ފެށިގެން ބަލަހައްޓާނީ ވެސް ރޯހިތު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ރޯހިތު، 42، ބުނީ އެންމެ 10 ކުދިން އެޑޮޕްޓްކޮށްފައި ނިންމާލީ ނޫން ކަމަށާއި ކޮންމެ އަހަރަކު ވެސް ކެންސަރު ބަލީގެ ކުދިން އެޑޮޕްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރޯހިތު އަކީ ހިންދީ ސިނަމާގައި މިހާރު މަސައްކަތްކުރާ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާގެ ފިލްމުތަކުގައި ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެކްޓަރުން ބައިވެރިވާން ތިބެނީ ކެތްމަދުވެފަ އެވެ.
އެހެންކަމުން ރޯހިތު ކަހަލަ މީހަކު އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މިފަދަ މިސާލެއް ދެއްކުމަކީ ފިލްމު އިންޑަސްޓްރީގައި އުޅޭ އިންތިހާއަށް މުއްސަނދި މީހުންނަށް މިފަދަ ކަންކަންކުރުމަށް ހިތްވަރުލިބޭނެ ކަމެއް ކަމަށް ބެލެވެ އެވެ.