އދ. ހަންޏާމީދޫގައި، ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ފިރިހެން ކުއްޖަކު ބަގީއަކަށް އަރައި ދުއްވަން އުޅެނިކޮށް ކޮންޓްރޯލު ނުވެ ގޮސް ފަޅުތެރެއަށް ވެއްޓި  އިއްޔެ ނިޔާވެއްޖެ އެވެ.

އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރައި ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓިގެން ކަމަށެވެ. 

"އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. ދެން އެހެން އުޅޭއިރު ސައިކަލު، ބަގީ ކަހަލަ އެއްޗެހި ފެނުނީމާ އަރައި އުޅޭނެ. އަބަދު ވެސް އާއިލާ މީހަކު ހުންނާނެ ކައިރީ. ވަރަށް ބަލާނެ،" އޭނާ ބުންޏެވެ.

"އިއްޔެ ވެސް ހަވީރު ބަނދަރަށް ދިޔައީ ކުއްޖާގެ ކާފައާ އެއްކޮށް، ދެން އެހެން ހުރެފައި ކުއްލިއަކަށް އޭނަ ގޮސް އަރާފަ ސްޓާޓް ކޮށްލީ. ސްޓާޓް ކޮށްލި ވަގުތު އެތާ ތިބި މީހުން ހުއްޓުވަން ވެސް އުޅުނު ކަމަށް ވަނީ. އެކަމަކު ކުއްޖާ ޕެނިކް ވެގެން މުއްގަނޑަށް ބާރަށް އަނބުރާލެވުނީމަ މި ދިޔައީ ފަޅަށް."

އޭނާ ބުނީ ކުއްޖާ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެން ގޮސް އަނިޔާވި ކަމަށެވެ. ކުއްޖާ ނިޔާވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ޓެސްޓްތަައް ހަދައި ސާމްޕަލް ނެގުމަށް ފަހު ރޭ 12 ޖެހިއިރު ވަނީ ކުއްޖާގެ ޖަނާޒާ ބާއްވައިފަ އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލައި، ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސީން ޕްރޮސެސްކޮށް މައުލޫމާތު އެއްކުރުމަށް ފަހު، މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.