ސައިރިކްސް ކޮލެޖުގެ ރެކްޓާއަކަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރުކަން ކުރެއްވި ޑރ. އަލީ ފަވާޒު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.

އެ ކޮލެޖުގެ އިސް އޮފިޝަލަކު ވިދާޅުވީ ފަވާޒު، ރެކްޓާއަކަށް އައްޔަންކުރަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ފަވާޒު އައްޔަން ކުރެއްވީ ޖުލައި 13، 2015 ގަ އެވެ. ނަމަވެސް ޔުނިވާސިޓީގެ ގާނޫނަށް ގެނައި ބަދަލާ އެކު، މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެމްއެންޔޫ އަށް ގެނައި ބަދަލުތަކާއި ކުރި މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ފަވާޒު ކުރިން ވިދާޅުވި އެވެ.

އޭނާ ޕީއެޗްޑީ ހާސިލްކުރެއްވީ ކުދި ގައުމުތަކުގައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިންނެވެ.