ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައިރިކްސްގެ ވައިސް ރެކްޓާ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޕްރޮގްރާމްތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ކޯސްތަކަށް ޝައުގުވެރިވާ މީހުންނަށް ކެރިއަ ކައުންސިލިން ވެސް ދޭއިރު ސަރުކާރުން ހިލޭ ޑިގްރީ ސްކީމުން ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

މިހާރު ހިންގަމުން އަންނަ ޕްރޮގްރާމުތަކުގެ އިތުރުން އަންނަ އަހަރު އާ ޕްރޮގްރާމްތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ސިވިލް ސާވެންޓުންނަށް ހާއްސަކޮށްގެން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މާސްޓާސް ޕްރޮގްރާމެއް ހިމެނެ އެވެ. އެ ޕްރޮގްރާމްގައި ކިޔަވައިދޭން ހަމަޖައްސާފައިވަނީ މާލެ ކައިރި ރަށްތަކުގައި އުޅޭ މީހުންނަށް ވެސް ފަސޭހަވާނެ ގޮތަށް ހޮނިހިރު ދުވަހު އެކަންޏެވެ. މީގެ އިތުރުން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ވެސް އަންނަ އަހަރު ތައާރަފްކުރާނެ އެވެ.

މެލޭޝިއާގެ ޔުނިވާސިޓީއަކާ ގުޅިގެން އަންނަ ފެބްރުއަރީ މަހު އައިޓީ އަދި ބިޒްނަސް އިންޓަނޭޝަނަލްގެ މާސްޓާސް ޕްރޮގްރާމެއް ފަށާނެ އެވެ. އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ތިބެގެން އިންޓަނޭޝަނަލް ޕްރޮގްރާމެއްގައި ދަރިވަރުންނަށް ކިޔެވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.