ސައިރިކްސް ކޮލެޖުގައި، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) ގެ ޕްރޮގްރާމްތައް ހިންގަން ނިންމައިފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސައިރިކްސްގެ ރެކްޓާ ޑރ. އަލީ ފަވާޒު ޝަރީފާއި އެމްއެސްޔޫގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕުއާން ސްރީ ޑާޓުކް ޑރ. ޖުނެއިނާ އަބްދުލް ހާމިދެވެ.
ފަވާޒު "މިހާރު" އަށް ވިދާޅުވީ އެމްއެސްޔޫ ޔުނިވާސިޓީއާ ގުޅިގެން ހިންގާ ކޯސްތައް ޖޫން މަހު ފަށާނެ ކަމަށެވެ. އެންމެ ފުރަތަމަ ފަށާނީ ސެކަންޑްރީ އެޑިއުކޭޝަނަށް ހާއްސަ ފަސް ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޫން މަހުގެ އިންޓޭކަށް އޭޕްރީލް މަހު ހުޅުވާލާނެ އެވެ.
ކުރިއަށް އޮތް ތަނުގައި ތަފާތު އެކި ދާއިރާތަކުން އާ ކޯސްތައް ތައާރަފްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަވާޒް ވިދާޅުވިގޮތުގައި މެލޭޝިއާގެ ރޭންކިންގެ ކުރީގައި އުޅޭ ޔުނިވާސިޓީއަކާއެކު މަސައްކަތް ކުރުމުން ސައިރިކްސް އަށް ވެސް ކުރިއެރުން ލިބޭނެ ކަމަށެވެ. އެ ކޮލެޖުގެ އެހީތެރިކަމާއެކު މުވައްޒަފުންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
ސައިރިކްސް ކޮލެޖުން މިހާރު ވެސް އަންނަނީ މެލޭޝިޔާގެ ހެލްޕް ޔުނިވާސިޓީގެ ކޯސްތައް ހިންގަމުންނެވެ.
މީގެ 27 އަހަރުކުރިން އުފެއްދި ކޮލެޖުގައި މިހާރު ވެސް ތަފާތު އެކި ދާއިރާތަކުން 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.