ޒަމާނީ ތަރައްގީއާއެކު އިންޓަނެޓްގެ ހިދުމަތް ވަނީ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅިފަ އެވެ. އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އިންޓަނެޓަށް ބަރޯސާވާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް ވަނީ އިތުރުވެފަ އެވެ. މިފަދަ ހާލަތެއްގައި ރައްޔިތުން އެންމެ ބޭނުންވާ ސްޕީޑުގައި، އެންމެ ބޭނުންވާ އަގުގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ފަދަ ގޮތަކަށް "ދިވެހިންގެ" ހިދުމަތެއްގެ ގޮތުގައި ރާއްޖެ އޮންލައިން (އާރްއޯއެލް) އިން ވަނީ ނަމޫނާ ދައްކާ، ދިވެހިންގެ އިތުބާރު ހޯދައިފަ އެވެ.

ރާއްޖެ އޮންލައިންގެ ހިދުމަތް މީގެ 18 އަހަރު ކުރިން ފެށީ ދިވެހިންނަށް އެންމެ ޒަމާނީ އިންޓަނެޓްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ. އިންޓަނެޓްގެ ހިދުމަތުގައި ޕާސަނަލައިޒް ހިދުމަތަކެއް ފޯރުކޮށްދިނުމަކީ އާރްއޯއެލް އިން އެންމެ ބޮޑު އިސްކަމެއްދޭ ކަމެވެ.

ރާއްޖޭގައި ހިންގާ ބައިނަލްއަގްވާމީ ހިއްސާ އޮންނަ ޓެކޮމިއުނިކޭޝަން ކުންފުނިތަކާ އެއްސަފެއްގައި އާރްއޯއެލް އަށް ފައިތިލަ ސާބިތުކޮށްލެވުނު އެއް ސަބަބަކީ ދިވެހި ވަންތަ، ދިވެހިން ބޭނުންވާ ފަދަ ޕާސަނަލައިޒް ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އާރްއޯއެލް އިން އެންމެ ފުރަތަމަ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭން ފެށީ ވަޔާލެސް ބްރޯޑްބޭންޑް ރޭޑިއޯ ނެޓްވޯކް މެދުވެރިކޮށެވެ. މިހާރު އެ ކުންފުނިން ވަނީ ވިލިމާލޭގައި ވެސް ފައިބާ ނެޓްވޯކް ގާއިމްކޮށްފަ އެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީތަކާއެކު ކުރިމަގުގައި އެހެން ސަރަހައްދުތަކަށް ވެސް ކުންފުނީގެ ހިދުމަތް ފުޅާކުރުމަކީ އާރްއޯއެލްގެ އަމާޒެވެ. މިދިޔަ ދުވަސްތަކުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރު ކޮށްފަ އެވެ. އާރްއޯއެލް އަށް ލިބޭ އެންމެ ބޮޑު އެއް އުފަލަކީ އެ ކުންފުނި ފެށިއިރު ހިދުމަތް ހޯދި ގިނަ ގޭބީސީތަކުން އަދިވެސް އެ ގޮތުގައި ތިބުމެވެ.

އާރްއޯއެލް ހެޑް އޮފީހަށް ކަސްޓަމަރުން ވަންނަނީ--ފައިލް ފޮޓޯ:މިހާރު
އާރްއޯއެލް ހެޑް އޮފީހަށް ކަސްޓަމަރުން ވަންނަނީ--ފައިލް ފޮޓޯ:މިހާރު

އެ ކުންފުނިން އަންނަނީ އިންޓަނެޓް ހިދުމަތުގެ އިތުރުން ވެބްހޯސްޓިން އާއި ސެކިއުރިޓީއާ ގުޅޭ ހިދުމަތައް ވެސް ދެމުންނެވެ. މިއީ ހިދުމަތް ފުޅާ ކުރެވޭނެ ދާއިރާއެއް ކަމަށް އާރްއޯއެލް އިން ދެކެ އެވެ.

އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތައް

މިވަގުތު އާރްއޯއެލްގައި 80 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާއިރު، ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހިންނެވެ. އާރްއޯއެލް 2003 ގައި ފެށި ފަހުން ކުންފުނީގެ ހިދުމަތްތައް ދިނުމުގެ އެންމެ ޒަމާނީ ގޮތްތައް އަބަދު ވެސް ދިޔައީ ގެންނަމުންނެވެ.

އޭގެ 4-5 އަހަރު ފަހުން އެ ކުންފުނީގެ އަމިއްލަ ފައިބާ ނެޓްވޯކެއް ގާއިމް ކުރަން ފެށި އެވެ. މި ބަދަލު ގެނައުމާ ގުޅިގެން، ތޮއްޖެހިފައިވާ މާލޭގައި ހިދުމަތް ދޭން ވަރަށް ބޮޑަށް ފަސޭހަވި އެވެ. ފައިބާ ނެޓްވޯކާއެކު ގޭބީސީތަކަށް އިންޓަނެޓް ދޭން ހޭދަވާ ވަގުތު ވެސް ވަރަށް ބޮޑަށް އަވަސްވި އެވެ.

އަމިއްލަ ފައިބާ ނެޓްވޯކާއެކު އާރްއޯއެލް އަކީ އެންމެ އަވަސް ސްޕީޑުގެ އެންމެ ބޮޑެތި ޕެކޭޖުތައް ގޭބީސީތަކަށް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏެވެ. މިއީ އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އާރްއޯއެލްގެ އިންފޮމޭޝަން ކައުންޓަރު--ފައިލް ފޮޓޯ:މިހާރު
އާރްއޯއެލްގެ އިންފޮމޭޝަން ކައުންޓަރު--ފައިލް ފޮޓޯ:މިހާރު

އާރްއޯއެލްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުއީދު ވިދާޅުވީ، އާއޯއެލަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ގޭބީސީތަކަށް ބޮޑެތި ޕެކޭޖުތަކެއް ތައާރަފްކުރުމެވެ. އެ ކުންފުނީގެ ގިގަފައި ޕެކޭޖުތަކުގެ ދަށުން އެއް ޓީބީއާ ހަމައަށް ޑޭޓާ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

"ބޮޑެތި ޕެކޭޖުތައް ނޯމަލް އެއްޗަކަށް ހެދީ އާރްއޯއެލް އިން. އާރްއޯއެލް އަށް ވުރެ މާ ބޮޑެތި، ފައިނޭންޝަލީ މާ ބޮޑެތި ކުންފުނިތައް އޮތް އިރު އެ މީހުން ނުކުރި ކަމެއް އާރްއޯއެލް އިން މިކުރީ،" އޭނާ ވިދާޅުވި އެވެ.

ބޮޑެތި ޖަޔަންޓް ކުންފުނިތަކާ އެއްސަފެއްގައި ފައިތިލަ ސާބިތުކޮށްލެވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މުއީދު ދެކެވަޑައިގަންނަވަ އެވެ.

އާރްއޯއެލްގެ އަމާޒަކީ ކުރިމަގުގައި ވެސް ރާއްޖޭގެ އިންޓަނެޓް ހިދުމަތަށް ބަދަލުތަކެއް ގެންނަ، ދިވެހިންނާ ރައްޓެހި ކުންފުންޏެއްގެ ގޮތުގައި އޮތުމެވެ. މިކަން މި ގޮތަށް ކުރެވޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބަ އޮތެވެ. ކަސްޓަމަރުންނަށް އެންމެ އަވަހަށް ހިދުމަތްތައް ދޭއިރު އެ ކުންފުނިން އަންނަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ ކަންކަމުގެ ހައްލުތައް ފޯރުކޮށްދެމުންނެވެ.