އާރުއޯއެލް އިން 10އެމްބީޕީއެސްގެ އިންޓަނެޓު ލިބޭ ބޮޑު ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، އެއީ އަންލިމިޓެޑް އިންޓަނެޓު ލިބޭނެ ޕެކޭޖެއް ކަމަށާއި ފާސްޓު ސްޕީޑުގައި ދަތިކަމެއް ނެތި ހިދުމަތް ލިބޭނެ ކަމަށެވެ.

އާރްއޯއެލް އިން ބުނާގޮތުގައި އެއީ އަންލިމިޓެޑްކޮށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭ ހަމައެކަނި ކުންފުންޏެވެ. އާރުއޯއެލްގެ ޕެކޭޖުތައް ތައާރަފު ކުރަނީ ކަސްޓަމަރުންނަށް ދެވެން ހުރި އެންމެ ރަނގަޅު އަގުތަކުގައި ކަމަށް ބުންޏެވެ. އަލަށް ތައާރަފު ކުރި 10އެމްބީޕީއެސްގެ ޕެކޭޖުގެ އަގު ކަމަށްވާ 799ރ. ގެ ތެރޭގައި ޖީއެސްޓީ ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުއޯއެލް އިން ބުނިގޮތުގައި، ޑައުންލޯޑް ކުރުމާއި އަޕްލޯޑް ކުރުމުގައި އެއްވަރެއްގައި އާ ޕެކޭޖުގެ ސްޕީޑު ހިފަހައްޓާނެ އެވެ. އެހެންވެ، އެއީ ގިނައިން ޑޭޓާ އަށް ހަރަދު ކުރަންޖެހޭ މީހުންނަށް އެކަށީގެންވާ ޕެކޭޖެެއް ކަމަށް ބުންޏެވެ. ސްޓްރީމް ކުރުމާއި އޮންލައިން ގޭމަރުންނަށް ވެސް އެ ޕެކޭޖު ފުދޭނެ ކަމަށް އާރުއޯލް އިން ބުންޏެވެ.

އާރުއޯއެލްގެ އާ ޕެކޭޖަށް މިހާރު އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

އާރްއޯއެލް އިން ކަސްޓަމަރުންނަށް ގިނަ ޕެކޭޖުތަކެއް ވަނީ ޑިޒައިން ކޮށްފަ އެވެ. އޭގެ ތެރޭގައި 5އެމްބީޕީއެސްގެ އަންލިމިޓެޑް ޕެކޭޖު ވެސް ފާހަގަކުރެވެ އެވެ.