"ގިގަފައި2 އެމްބީޕީއެސް"ގެ ނަމުގައި އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖެއް އާރުއޯއެލް އިން ތައާރަފުކޮށްފި އެވެ.

މި ޕެކޭޖަކީ މި ވަގުތު ރާއްޖޭގައި ފައިބާ ބްރޯޑްބޭންޑުތަކުން ލިބެން ހުރި ހަމައެކަނި އަންލިމިޓެޑް ޕެކޭޖެވެ. މި ޕެކޭޖުގެ ދަށުން މަހަކު 599ރ. އަށް ހުސްނުވާ އެލަވެންސެއް ލިބޭނެ އެވެ. މި ޕެކޭޖުގެ ސްޕީޑަކީ ދޭއް އެމްބީޕީއެސް އެވެ.

އާރުއޯއެލް އިން ބުނީ އެ ކުންފުނިން މި ޕެކޭޖު ތައާރަފު ކުރީ ގިނަ އަދަދެއްގެ ކަސްޓަަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މި ޕްލޭނަކީ ގިނައިން އިންޓަނެޓް ބޭނުން ކުރާ މީހުންނަށް ހާއްސަކޮށްފައިވާ ޕްލޭނަކަށް ވާއިރު މަސް ނިމެންދެން ސްޕީޑަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި ޕްލޭނުގައި އެހެން ޕްލޭންތަކާ އެއްގޮތަށް ފެއާ ޔޫސެޖް ޕޮލިސީއެއް ނުހިމެނޭނެ ކަމަށް ވެސް އާރުއޯއެލް އިން ބުންޏެވެ.

މި ހިދުމަތަށް އެދެން ބޭނުންވާ ކަސްޓަމަރުންނަށް އާރުއޯއެލްގެ ވެބްސައިޓު https://rol.net.mv/en މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. އަދި އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުންނާއި ކަސްޓަމާ ކެއާ ހޮޓްލައިން 133 އަށް ގުޅައިގެން ވެސް މި ހިދުމަތް ހޯދޭނެ އެވެ.

އާރުއޯއެލް އިން ވަނީ ގިގަފައި 2 ތައާރަފު ކުރުމުގެ އިތުރުން ކުރިން ދެމުން އައި ގިގަފައި ހޯމް ބްރޯޑް ބޭންޑް ޕެކޭޖުތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން، އެ ކުންފުނީގެ 50 އެމްބީޕީއެސް އާއި 15 އެމްބީޕީއެސް އާއި 25 އެމްބީޕީއެސް އަދި 100 އެމްބީޕީއެސް ޕެކޭޖުތަކުގެ ޑޭޓާ އަށް ބޮޑު ބަދަލެއް ގެނެސް އަގުހެޔޮ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި ބަދަލުތަކާ އެއްގޮތަށް ހިދުމަތްތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.