ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ އާމްދަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދަށްވާން ފެށުމުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދުން ފެށިގެން މުސާރަތައް ކުޑަކުރީ އެކި ލެވެލްތަކުގެ މުވައްޒަފުންނަށް އެކި ވަރަށެވެ.
މުވައްޒަފުންގެ މުސާރަ ކުޑަކުރީ ތިން މަސް ދުވަހުގެ ނިޔަލަށެވެ.
ޓޫރިސްޓުން އަންނަ ވަރު އިތުރުވެ، ޓީއެމްއޭގެ އާމްދަނީ އިތުރުވާން ފެށުމުން މުސާރަ އިތުރުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖްމެންޓުން މުވައްޒަފުންނަށް އެންގި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުން ވަނީ އޭގެ ކުރީ އަހަރަށް ވުރެ 26 ޕަސެންޓް ދަށްވެފަ އެވެ. އަދި މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 20 ޕަސެންޓް ދަށްވެފަ އެވެ. އެއާ އެކު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް ދަށްވެފަ އެވެ.
ޓީއެމްއޭއިން ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަކުރި އިރު ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ، ފްލައިޓްތަކުގައި ދަތުރު ކުރާ މީހުންގެ އަދަދު މިދިޔަ ދެ މަސްތެރޭ ދަނީ ވަރަށް ބޮޑަށް ދަށްވުމުންނެވެ.
ޓީއެމްއޭ އިން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ކުރިން ހިންގުމުގެ ބައެއް ހަރަދުތައް ވެސް ކުޑަކޮށްފަ އެވެ. އެކަމަކު ހަމައެކަނި އެފަދަ ހަރަދުތައް ކުޑަކޮށްގެން މާލީ ގޮތުން ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދޭ ގޮތް ނުވީ އެވެ.
ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާގައި އެބަތިއްބެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ އަދަދު ހާހަކަށް އަރަ އެވެ.
ދިވެހިންގެ އިތުރުން ވިއްސަކަށް ވުރެ ގިނަ ގައުމުތަކުގެ މީހުން ޓީއެމްއޭގައި ވަޒީފާ އަދާކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު އެންމެ ސީނިއާ ކެޕްޓަނުންގެ މުސާރައަކީ މަހަކު ގާތްގަނޑަކަށް 12،000 ޑޮލަރެވެ.