މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި އެވެ.
ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ މެދު އިރުމަތީގެ ގައުމުތަކުގެ ސިޓީތަކުން މާލެ އަންނަ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓްތަކެވެ.
އިއްޔެ ވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، 1،400 ޓޫރިސްޓުން އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭގައި އެއާޕޯޓަށް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވުމަށް ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނުފުރި ތިބި ޓޫރިސްޓުންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް އެމްއޭސީއެލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ.
ޓޫރިސްޓުން ނިދަން ތިބެން ސްލީޕިން ބޭގައި ރާޖަގަނޑު ކަހަލަ އެއްޗެހި އެމްއޭސީލުން ރޭ ވަނީ ހަމަޖައްސައިދީފަ އެވެ.
އެއާޕޯޓުގައި ތާށިވި ޓޫރިސްޓުން ރޭގައި މަޑުކޮށްގެން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން އިއްޔެ ފެށުމާ އެކު، މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުން ރާއްޖެއަށް އަންނަ ހުރިހާ ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ.