ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްގެ މަގާމު، އެންމެ ހަ މީހުން އުޅޭ ފްލޭޓ އައިލެންޑަށް ލިބިއްޖެ އެވެ.

ބިގް 7 އިން މި އަހަރު އެކުލައިވި "50 ބެސްޓް އައިލެންޑް" ގެ މަގާމު ލިބުނު މި ރަށަކީ އައިސްލެންޑްގެ ތަނެކެވެ.

އައިސްލެންޑްގެ ހުޅަނގު އައްސޭރީގައި އޮންނަ ކުޑަކުޑަ މި ރަށުގެ ދިގުމިނުގައި އެއް ކިލޯމީޓަރު ހުންނައިރު ފުޅާމިނުގައި ހުންނަނީ ދެ ކިލޯމީޓަރެވެ. ފްލެޓީ އައިލެންޑަކީ އައިސްލެންޑްގެ ބްރިއޯފްޖޯރޯ ބޭގައި ހިމެނޭ 300 ރަށުގެ ތެރެއިން ރަށެކެވެ.

ޓޫރިސްޓުންގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު އެ ރަށަށް ލިބުނީ ޓްރެވެލް ވެބް ސައިޓް ބިގް 7 ޓްރެވެލް އިން ކުރިއަށް ގެންދިޔަ ޕޯލަކުންނެވެ. އެ ޕޯލް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށަށް ދަތުރުކުރާ މީހުންނާއި މީޑިއާ އިން ލިބޭ ސަމާލުކަން ފަދަ ކަންކަމަށް ބަލައިގެންނެވެ.

ފްލެޓީ އައިލެންޑްގެ އެންމެ ހާއްސަ އެއް ސިފަ އަކީ އެކި ވައްތަރުގެ ދޫނި އެ ރަށުން ފެނުމެވެ. އެ ރަށުގައި 50 ވައްތަރެއްގެ ދޫނި އުޅެ އެވެ.

ބިގް 7 ޓްރެވެލް އިން ބުނިގޮތުގައި އިންޖީނުލީ ވެހިކަލް ވެސް ނުގެންގުޅޭ ފްލެޓީ އައިލެންޑަކީ ހަމަހިމޭން މާހައުލެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުންނަށް އެއްވަނައިގެ ތަނެކެވެ.

ބިގް 7 ޓްރެވެލްސްގެ މި އަހަރުގެ "ޓޮޕް 50 އައިލެންޑް" ގެ ލިސްޓްގެ ކުރި އެ ރަށަށް ލިބުނު އިރު، ގަދަ 10 ގައި ހިމެނެނީ ޕިލިޕީންސްގެ ޕަލަވާން، ވަނައުޓޫގެ އެސްޕިރިޓޫ ސަންޓޯ، ނޯވޭގެ ސޮމަރޯއި، ކްރޮއޭޝިއާގެ ކޯކިއުލާ، އަޔަލެންޑްގެ ދި އެރާން އައިލެންޑްސް، ޒެންޒިބާރްގެ ޕެމްބާ އައިލެންޑް، ބާބެޑޯސް، ވޮޝިންޓަން ސްޓޭޓްގެ ލުމީ އައިލެންޑް އަދި ފްރެންޗް ޕޮލިނީޝިއާގެ ބޯރާ ބޯރާ އެވެ.

މި ލިސްޓްގައި ރާއްޖެ ހިމެނެނީ 26 ވަނައިގަ އެވެ.