އައިސްލެންޑްގެ އެންމެ ރީތި ތަންތަނުގެ ތެރޭގައި ހިމެނޭ އަދި ޓޫރިސްޓުން އެންމެ ގަޔާވާ އެއް ތަން ކަމަށްވާ ޖާރޯޖިފާ ކެނިއޯން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އުސް ފަރުބަދަތަކާއި ފެހި ވާދީތަކާއި ފެން އާރުތަކުން ހިތްގައިމުކަން ގެނެސްދޭ ތަން ވަގުތީ ގޮތުން ބަންދުކުރީ އެތަނަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އެތަނަށް އެކި ކަހަލަ ގެއްލުން ލިބެމުންދާތީ އެވެ.
މިކަމާ ބެހޭ ގޮތުން އައިސްލެންޑްގެ އެންވަޔަރަމަންޓަލް އެޖެންސީން ބުނީ ޖާރޯޖިފާ ވަގުތީ ގޮތުން ބަންދުކުރީ އަންނަ ޖޫން މަހާ ހަމަޔަށް ކަމަށެވެ. މިދިޔަ އަހަރު ވެސް މޫސުމީ ގޮތުން ލިބުނު ގެއްލުންތަކާ ހެދި އެތަން މަރާމާތުކުރަން ދުވަސްކޮޅަކަށް ބަންދުކުރި އެވެ.
"އެތަނަކީ އައިސްލެންޑަށް ގުދުރަތީ ގޮތުން ލިބިފައިވާ އަޖައިބެއް ކަހަލަ ތަނެއް. އެހެންވީމާ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަ އިން ތަނުގެ ރީތިކަން ތަޖުރިބާކޮށްލެވޭނެ ގޮތަކަށް އިންފްރާސްޓްރަކްޗާ ވެސް އެބަ ޖެހޭ ތަރައްގީ ކުރަން،" އައިސްލެންޑްގެ ނެޝަނަލް ޓޫރިޒަމް އެޖެންސީގެ ޑިރެކްޓަރު އީންގާ ޕާލްސްޑޮޓީރް ވިދާޅުވި އެވެ. "އައިސްލެންޑަކީ ވަރަށް ފިނިގަދަ ގައުމަކަށްވާތީ މުޅި އަހަރު ދުވަހުގެ ތެރޭގައި ވެސް ޖާރޯޖިފާ އަށް ޒިޔާރަތް ކުރާ މީހުންގެ ރައްކާތެރި ކަމަށް ވިސްނައިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. ހަމަައެއާ އެކު އެތަނަށް ގެއްލުން ނުވާނެ ކަހަލަ ގޮތްތަކެއް އެބަޖެހޭ ހޯދަން."
ޖާރޯޖިފާގެ މަގުބޫލުކަން މި ފަހުން ޓޫރިސްޓުންގެ މެދުގައި މާ ބޮޑަށް އުފުލިގެން ދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ 2015 ގައި ނެރުނު ވީޑިއޯ ލަވަ "އައި ވިލް ޝޯ ޔޫ" ގެ މަންޒަރުތަކެއް އެތަނުގައި ނަގާފައި ވާތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިސްލެންޑަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން އުފުލިގެން ގޮސްފަ އެވެ. ދެހާސް ސަތާރައިގައި އެކަނި ވެސް އެ ގައުމަށް 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް އައިސްލެންޑިކް ޓޫރިސްޓް ބޯޑްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަދި 2017 ގެ މެއި މަހުން ފެށިގެން މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް އައިސްލެންޑްގެ މައި އެއާޕޯޓް ކެފްލަވިކް އިންޓަނެޝަނަލް އެއާޕޯޓް މެދުވެރިކޮށް އެ ގައުމަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ވަނީ 13 ޕަސަންޓަށް ވުރެ މައްޗަށް އަރައިފަ އެވެ.